ޔޯގާ ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކަށް ފަހު ހައްޔަރު ކޮށްފައިވާ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު 9 ދުވަސް ޖަހައިފިއެވެ.
މިމައްސަލާގައި މުހައްމަދު އިސްމާއީލްގެ އިތުރުން ޕީޕީއެމް ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައެވެ.ނަމަވެސް ރައްޒާން މިއަދު ވަނީ ދޫކޮށްލާފައެވެ.
މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކުުރުމާ ގުޅިގެން ޕީޕީއެމް އިން ވަނީ ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާ އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށާއި ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމް ކުރުމަކީ ވަރަށްވެސް ނާތަހުޒީބު އަމަލެއް ކަމުގައި ސިފަކޮށްފައެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ވަނީ ކުށްވެރި ކޮށްފައެވެ.
ޕީޕީއެމްއިން ބުނީ ކުށެއް ނެތް ދީނީ އިލްމުވެރިން އެމީހުންގެ އަނބިންނާއި ދަރިން ކުރިމަތީ އަނިޔާވެރިކަމާ އެކު ބުލީކޮށް ހައްޔަރު ކުރަމުން ގެންދާ ގެންދިއުންވެސް އެ ކޯލިޝަނުން ބަލައި ނުގަންނަ ކަމަށާއި އެ ހާދިސާ އާ ގުޅުވައިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން އެންމެ ފަހުން ހައްޔަރު ކުރި 2 މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ހައްޔަރު ކުރި 21 މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.