ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ދެ ވަނަ ފިޔަވަހީގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މަހުލޫފް ވިދާޅުވީ މިހާރު ހިޔާ ފްލެޓުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ދެވަނަ ފިޔަވަހީގައި މަޝްރޫއުތަކެއް ހިންގަން ގަސްތުކުރައްވާ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުފައެވެ.
އެގޮތުން އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ދެވަނަ ފިޔަވަހީގައި އައުޓް ޑޯ ވޮލީ ކޯޓެއް އެޅުމާއި ހޭންޑް ބޯލް ކޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.