ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ އެންޓަނާ ޓަވަރުތަކުން އެއް ޓަވަރު ގުޑުވާލުމަކީވެސް މުއާސަލާތައް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއް ކަމަށް އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވި ސުވާލުގެ ޖަވާބުގައެވެ. މެންބަރު ކުރެއްވި ސުވާލުގައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދު އެތެރޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް ކުންފުނިތަކުން ޖަހާފައިވާ ބޮޑެތި ޓަވަރުތައްް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ޖެހުމަށް ވިސްނަންތޯ އަދި އެކަން ކުރަން ވިސްނާފައިވާނަމަ އެކަން ކުރަނީ ކޮން އިރަކުންތޯއެވެ.

ޝައުނާ ވިދާޅުވީ އެ ހުރިހާ ޓަވަރުތައްވެސް ޖަހާފައިވަނީ ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށާއި ރާއްޖޭގެ ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރެވިފައިވާ ބޮޑެތި ޓަވަރުތަކަކީ މުޅި ރާއްޖެއަށް މުވާސަލާތީ ހިދުމަތްތައް ދިނުމުގައި ބޭނުންކުރެވޭ އެންޓަނާތަކެއް ކަމަށާއި އެ އެންޓަނާތައް ގާއިމުކުރި އިރު މަސައްކަތް ކޮށްފައިވަނީ ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު އެކަމަށްޓަކައި ރަށު އޮފީސް ނުވަތަ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގައި ކަމަށެވެ.

ބޮޑެތި އެންޓަނާ ޓަވަރުތައް ގާއިމުކުރެވިފައި ވަނީ މުޅި ރާއްޖޭގެ ޖޯގްރަފީ އަށް ރިއާޔަތްކޮށް ކަނޑައެޅިފައިވާ ލޮކޭޝަންތަކެއްގެ މައްޗަށް ނެޓްވޯކް ޑިޒައިން ކުރެވިގެން ކަމަށާއި އެފަދަ އެންމެ އެންޓަނާ ޓަވަރެއް ގުޑުވާލުމަކީވެސް މުޅި ރާއްޖޭގެ މުވާސަލާތީ ހިދުމަތްކަށް އޭގެން ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެއް ކަމަށް ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.

އެއިން އެންޓަނާ ޓަވަރެއް ނަގައިގެން އެހެން ތަނަކަށް ގެންދިއުމަކީ ވަރަށް ގޮންޖެހުން ބޮޑު އަދި އެކަމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި އެހެންކަމުން ހުރިހާ އެންޓަނާ ޓަވަރުތައް މީހުން އުޅޭ ސަރަހައްދުތަކާއި ދުރަށް ޖެއްސުމަކީ މިވަގުތައް ކުރެވޭނެ ކަމެއް ނޫންކަމަށް ޝައުނާ ވިދާޅުވިއެވެ.

އެންޓަނާ ޓަވަރުތައް ފުރަތަމަ ޖަހާފައިވަނީ ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ނިސްބަތުން ދުރުވާގޮތް ބަލައިގެން ނަމަވެސް ރަށްތަކުގެ އުމްރާނީ ތަރައްގީއާއެކު ބައެއް ޓަވަރުތައް މިހާރު މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރިވެފައިވާކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ އެ ޓަވަރުތައް ގޮނޑުދޮށާއި މާ ކައިރީގައި ޖެހުމަކީވެސް ރަށް ގިރުމާއި ސުނާމީ ކާރިސާތައް ފަދަ ކަންކަމަށް ބަލާއިރު ރަނގަޅު ކަމެއް ނޫން ކަމަށެވެ.