ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ތިން ސަބްމެރީން ކޭބަލް ސިސްޓަމް އާއި ރާއްޖެ ގުޅާލެވޭނެ ކަމަށް އެންވާރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވެފައި ވަނީ، ދުނިޔޭގެ ޓެެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން ދެއްވި ނޫސް ބަޔާނެއްގައެވެ. ޝައުނާ ވިދާޅުވީ، ރާއްޖޭގެ އައިސީޓީ މާހައުލަށް ބަލާ އިރު، އެކަށީގެންވާ މިންވަރަކަށް ހިދުމަތާއި އިންފްރާ ސްޓްރަކްޗާ މިވަނީ ތަރައްގީ ކުރެވިފައި ކަމަށާއި ރާއްޖެ އާއި ބޭރުދުނިޔެއާ ގުޅުމަށް އިތުރު ސަބްމެރީން ފައިބާ އޮޕްޓިކް ކޭބަލްތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އެގޮތުން ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ތިން ސަބްމެރީން ކޭބަލް ސިސްޓަމް ގުޅުމުގެ މަސައްކަތް ކުރެވޭނެ ކަަމަށާއި އަދި ރާއްޖޭގެ އެތެރޭގެ އިންފްރާސްޓަރަކްޗާ ވެސް ފުޅާކުރެވި، ފައިބާ ނެޓްވޯކާ ގުޅާލެވޭ ރަށްތައް އިތުރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އައިސީޓީ ދާއިރާއަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރާ އިރު، މި ދާއިރާގައި އަދި އިތުރަށް ކަންކަން ކުރަން ހުރިކަން ވެސް ޝައުނާ ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ އާބާދީ ކުޑަ ރަށްތަކަށް ވެސް ބްރޯޑްބޭންޑް ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމަށާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުން އިތުރުކުރަން ޖެހޭ ކަަމަށް ޝައުނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ މިހާރު އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ގިންތިން ކުރިއަށް ޖެހި، ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ބެލެވޭ ގައުމަކަށް ވިޔަސް، އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކަށް ހުންނަ ގިނަ ގޮންޖެހުންތައް އަދިވެސް އެބަހުރިކަމަށް ޝައުނާ ވިދާޅުވިއެވެ. އެގޮތުން، ކުދި ޖަޒީރާތަކެއްގެ މައްޗަށް ރާއްޖެ އެކުލެވިފައިވުމާއި، ރަށްރަށުގެ ކުދި އާބާދީގެ ސަބަބުން ދިމާވާ ގޮންޖެހުންތައް އޭނާ ފާހަގަ ކުރެއްވިއެވެ. އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަކީ މިގޮންޖެހުންތަކުން އަރައިގަނެ، ރާއްޖޭގެ އެކަހެރި ރައްތަކުގެ އެކަހެރިކަން ކުޑަކޮށް އާބާދީ އެކުގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ ވަސީލަތެއް ކަަމށް ޝައުނާ ވިދާޅުވިއެވެ.

"އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނުވަތަ އާއްމުކޮށް މިހާރު ކިޔާގޮތަށް ނަމަ ޑިޖިޓަލް ޓެކްނޮލޮޖީތައް ތައާރަފްވަމުން އައި ދުވަސްތަކުގައި، ޓެކްނޮލޮޖީ ބޭނުކުރުމަކީ އިހްތިޔާރެއް ކަމަށް ވިޔަސް، މިހާރު އެދުވަސްމި ވަނީ މާޒީ ވެފައި. އަދި ޓެކްނޮލޮޖީއާ ނުލައި ނޫޅެވޭ ހިސާބަށް ގޮސްފަ. މިއަދުގެ ހާލަތަށް ބަލާލާ އިރު، ޗާޕުކުރި ނޫހެއް މިހާރު ވަރަށް މަދުން ނޫނީ ނުނެރޭ. ފެނާއި ކަރަންޓު، އަދި ފޯނު ފަދަ ހިދުމަތްތަކަށް މިހާރު ގެއަށް ބިލެއް ނާދޭ. ސަރުކާރުން ދޭ ގިނަ ހިދުމަތަކަށް އަޅުގަނޑުމެން ފައިސާ ދައްކަނީ އޮންލައިންކޮށް. އަދި، މާދުރު ނޫން މުސްތަގްބަލެއްގައި، ނަގުދު ފައިސާ ބޭނުންކުރުން މުޅިންހެން ނެތިގެންދާނެ."
ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ

ކުރިއަށް އޮތް ތަނުގައި އަންނާނެ އެއްޗެއް ކަމުގައި ދެކެމުން އައި އާޓިފިޝަލް އިންޓެލިޖެންސް މިހާރު ވަނީ އޭގެ ބޭނުން ހިފޭ ވަސީލަތަކަށް ބަދަލުވެފައި ކަމަށާއި މާ ލަސްތަކެއް ނުވެ، އިންސާނީ ސިކުނޑިން ނޫނީ ނުކުރެވޭ ބައެއް ކަންކަން އާޓިފިޝަލް އިންޓެލިޖެންސް މެދުވިރކޮށް ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް ޗައުނާ ވިދާޅުވިއެވެ. މިފަދަ މިންވަރަކަށް ޓެކްނޮލޮޖީ ކުރިއަރަމުންދާ އިރު، މުޖުތަމައުގެ ކޮންމެ ފަރުދަކީ ވެސް، ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބޭ، އަދި ޓެކްނޮލޮޖީއަށް ބީރައްޓެހި ނޫން މީހަކަށް ވާން ޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ. ޓެކްނޮލޮޖީގެ ފަސޭހަކަން އިހްސާސް ކުރާ އިރު، ހަމަ މި ފަސޭހަތަކުގެ ތެރެއިން ކޮށްފާނެ ނުރަނގަޅު ކަންކަމަށް ވެސް ވަރަށް ސަމާލު ވާން ޖެހޭ ކަމަސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ޑިޖިޓަލް ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުނުން ކުރުމަށް ރައްޔިތުން އަހުލުވެރި ކުރުވާ، ޓެކްނޮލޮޖީގެ ތެރެއިން ކުރިމަތިވެދާނެ އެހެނިހެން ކަންމުން ސަލާމަތްވެ ތިބޭނެ ގޮތްތައް އެންމެހާ ފަރާތްތަކަށް އަންގާ ދިނުމަކީ ކުރަންޖެހޭ ވަރަށް މުހިއްމު މަސައްކަތެއްެ ގޮތުގައި މިނިސްތަރު ފާހަގަ ކުރެއްވިއެވެ.

ފަހަކަށް އައިސް ކުރިމަތިވެފައިވާ ބޮޑު އެއް މައްސަލައެއް ކަމަށްވާ އެކިއެކި ސްކޭމްތަކުގެ ސަބަބުން ރައްޔިތުންގެ އަތުގައި ހުންނަ ފައިސާ ގެއްލޭ މައްސަލައާ ގުޅިގެން ޝައުނާ ވިދާޅުވީ، ސްކޭމްތައް ހުއްޓުވާ، މުވާސަލާތީ ހިދުތްތަކާއި ބޭންކިންގް ހިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ކަމާއިބެހޭ ފަރާތްތަކުގެ މަޝްވަރާކޮށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ވެސް އެދެވޭ ނަތީޖާ ދަނީ ފެންނަމުން ކަމަށާއި އަދި މިއަހަރުގެ ތެރޭގައި އަޅަން ހަމަޖައްސާފައިވާ އިތުރު ފިޔަވަޅުތަކާއެކު، މި މައްސަލަ ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރުތެރޭ ތިން ސަބްމެރިން ކޭބަލް ގުޅާލާނެ ކަމަށް ޗާއުނާ ވިދާޅުވި އިރު، މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ރާއްޖެއަށް ސަރުކާރުގެ ފަރާތުން އަޅާ ސަބްމެރިން ކޭބަލް އަޅައި މިއަހަރު ފަހު ކޮޅު ހިދުމަތް ދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކަމުގެ ސަބަބުން އިންޓަނެޓް އަގުހެޔޮވެ، ސްޕީޑަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ވެސް ރައީސް ވަނީ ވިދާލުވެފައެވެ. އަދި އައިޑީ ކާޑް ޑިޖިޓަލް ކުރެވި، ސަރުކާރުން ދޭ ހިދުމަތްތައް އޮންލައިންކޮށް މުޅި ރާއްޖެ ޑިޖިޓައިޒް ވަމުންދާ ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.