ކ. ރަސްފަރީ ފަރަށް އެރި ބޯޓުގެ ސަބަބުން ލިބުނު ގެއްލުން އިއާދަ ކުރުމަށްޓަކައި ފަރުގައި މުރަކަތައް އިންދަން ފަށައިފިއެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ސަރުކާރުން ހިމާޔަތް ކޮށްފައިވާ ރަސްފަރި ފަރަށް އެރީ އޮގަސްޓް 18، 2021 ގައެވެ. އެ ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވަނީ މަރުވެފައެވެ.

އެއާއެކު "ރީ ސްޓޯ ރަސްފަރި" ނަމުގައި މިއަދު ފެށި ރަސްފަރި ފަރު އިއާދަކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެންވާރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އެވެ. މި މަޝްރޫއު ފަށްޓަވާދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ މިއީ ރާއްޖޭގެ ފަރަކަށް ބޯޓެއް އަރައިގެން ލިބުނު ޖޫރިމަނާ ފައިސާ ހޭދަކޮށްގެން ފަރެއް މަރާމާތުކުރުމުގެ މަސައްކަތަ ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

"ރަސްފަރި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ 3.5 މިލިއަން ޑޮލަރު އަޅުގަނޑުމެން ހާއްސަކުރީ އީޕީއޭގެ ވަކި ޓްރަސްޓް ފަންޑަކަށް. އެ ޓްރަސްޓް ފަންޑުން މިގޮތަށް ފަރަށް ލިބޭ ގެއްލުން އިއާދަކުރުމުގެ މަސައްކަތް ކުރެވޭޭނެ" ޝައުނާ ވިދާޅުވެފައި ވެއެވެ.

ރީސްޓޯ ރަސްފަރި މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރަސްފަރި ފަރު އިއާދަ ކުރުމަށް އީޕީއޭއިން އާލާކޮށްފައިވާ ކޮރަލް ފްރެގްމަންޓްސްތައް ނުވަތަ ދިރޭ މުރަކައިގެ އެތިކޮޅުތައް ގެއްލުން ލިބިފައިވާ ސަރަހައްދުގައި ހަރުކޮށްފައި ވެއެވެ. އެކި ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއު 7 އަހަރަށް ދެމިގެންދާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު ގެ ދަށުން 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިން ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މިސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ގާހުޅުނބު ލަނޑައާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.

ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ އެ ބޯޓުގެ ވެރިފަރާތުން ވަނީ އީޕީއޭއަށް ދައްކާ ހަލާސް ކޮށްފައެވެ.