ސަރުކާރުގެ ޑޭޓާ ސެންޓަރުތަކާއި އެހެނިހެން ކްރިޓިކަލް ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާތައް ކްލައުޑް ބޭސްޑް ގަވަމެންޓް ޑިޖިޓަލް ސާވިސަސް (ޖީޑީއެސް) ޕްލެޓްފޯމަކަށް ބަދަލުކޮށް ތަރައްގީ ކުރުމަށް އެމެރިކާގެ ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އޭޖެންސީ (ޔޫއެސްޓީޑީއޭ) އިން މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއެކު ގްރާންޓް އެގްރީމަންޓެއްގައި މިއަދު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާ ސަރުކާރުން މި މަޝްރޫއުއަށް 895،000 ޑޮލަރުގެ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 13،800،900 ރުފިޔާއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ، އައިސީޓީ ދާއިރާ ތަރައްގީކޮށް ރާއްޖެ ރަށްތައް ޑިޖިޓަލީ ކަނެކްޓް ކުރުމަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ކްލައުޑު ގާއިމުކޮށް، ރައްކާތެރި، ހަރުދަނާ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އަކާއެކު ސަރުކާރުގެ ޑިޖިޓަލް ހިދުމަތް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ދުނިޔޭގެ ކްލައުޑްގެ ހިދުމަތް ދޭ ފަރާތްތަކާ މެދުކެނޑުމެއްނެތި ގުޅި، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގެ މަސައްކަތްތައް ހަލުވިވެގެން ދާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެ މިނިސްޓްރީން ބުނީ، ކްލައުޑް ބޭސްޑް ގަވަމެންޓް ޑިޖިޓަލް ސާވިސަސް ޕްލެޓްފޯމެއްގެ ސަބަބުން، ޑޭޓާ މެނޭޖް ކުރުމަށާއި ސެކިއުރިޓީ ބެލެހެއްޓުމަށް ޕަބްލިކް ސެކްޓާގެ ކެޕޭސިޓީ އިތުރުވެ، ހަރަދުތައް ކުޑަވެ، ކާރިސާތަކުގައި އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ. ހަމައެއާއެކު ރައްކާތެރި ސަރުކާރުގެ ޓެކްނޮލޮޖީ ސްޓެކެއް ގާއިމުކުރެވި، ކްލައުޑް ކޮމްޕިއުޓިން ސިސްޓަމްތަކާއި އޯޕަން ޑޭޓާ ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ޑޭޓާ ޑްރިވަން ޑިސިޝަން މޭކިންއަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

އެމެރިކާ ސަރުކާރުގެ މި ހިލޭ އެހީ ސަބަބުން، މި ދާއިރާގެ ކަންކަން މިހާރު ހިނގާ ނުހިނގާ ގޮތް ދިރާސާކޮށް ބަލައި، ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމާއި ދާއިރާގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޑޭޓާ ކްލެސިފިކޭޝަން އަދި ޑޭޓާ ބޭނުންކުރެވޭނެ ގޮތްތަކުގެ ސްޓޭންޑަޑްތައް އެކުލަވާލެވޭނެއެވެ. ޑޭޓާ ސެންޓަރާއި ޕްލެޓްފޯމް އާކިޓެކްޗާ ޑިޒައިންތައް ފޯރުކޮށްދީ، ކެޕޭސިޓީ ބިލްޑިން ސްޓްރެޓެޖީއެއް އެކުލަވާލައި، މި ދާއިރާގެ މަޝްރޫއުތަކަށް ފައިނޭންސްކޮށް ތަންފީޒު ކުރުމަށް ބޭނުންވާ ޑޭޓާ އާއި އެނަލިސިސް ތައްޔާރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ކްލައުޑް ސާވިސް ފޯރުކޮށްދޭ ފަރާތްތަކާއި އެހެނިހެން ޓެކްނޮލޮޖީ ވިއްކާ ފަރާތްތަކާއި ގުޅިގެން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕެއްގެ ގޮތުގައި ރާއްޖޭގައި ޕަބްލިކް ސެކްޓާ ކްލައުޑް ބޭނުންކުރަން ފެށުމަށް ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ކްލައުޑް ސެންޓާ އޮފް އެކްސެލެންސްއެއް ގާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި އެމެރިކާގެ ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްލެންސީ ހިއުގޯ ޔޮންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.