މުޅިން މިނިވަން އޭޖެންސީ އަކަށް އީޕީއޭ ހަދާފައި ނުވި ނަމަވެސް، އެ އޭޖެންސީ މިނިވަން ތަނަކަށް ހެދުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދިއްޖެ ފަދަ މޭރުމަކުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވާހަކަ ދައްކަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ، 100 ދުވަހުގެތެރޭ މިނިވަން މުސްތަގިއްލު ތަނަކަށް އީޕީއޭ ހަދާނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދު ނުފުއްދި ދިގުލައިގެން ދަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ. ޝައުނާ ވިދާޅުވީ، ސަރުކާރުން ވައުދުވީ އީޕީއޭ ބާރުވެރިކުރުވުމަށް ކަމަށާއި، އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށް، މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ އީއައިއޭ ހެދުމާއި ފާސްކުރުމުގެ ބާރު އީޕީއޭ އިން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް 2015 ގައި ބަދަލުކޮށްފައި އޮތް އޮތުމެވެ. ޝައުނާ ވިދާޅުވި ގޮތުގައި އެ ބަދަލުގެ ސަބަބުން ފަތުރުވެރިކަމުގެ މަޝްރޫއުތައް ހިންގާފައި ވަނީ ތިމާވެށީގެ ގޮތުން ބަލަން ޖެހޭ ބެލުންތައް ބެލޭނެ ނިޒާމެއްގެ ތެރެއިންނެއް ނޫނެވެ.
އެހެންކަމުން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސް، 20 ޑިސެމްބަރު 2018 ގައި އިސްލާހު ފާސްކޮށް، އީއައިއޭ ހެދުމާއި ފާސްކުރުމުގެ ބާރު އަލުން އީޕީއޭ އަށް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓޫރިޒަމް ގާނޫނަށް ގެނެވުނު މި ބަދަލާ ގުޅިގެން ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިިދު އިސްލާހުކޮށް އީއައިއޭ ފާސްކުރުމުގެ ބާރު 27 ޑިސެމްބަރު، 2018 ގައި އީޕީއޭއަށް އަލުން ވަނީ ދީފައި. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ބުނި ވައުދު ވަނީ ފުއްދާ ނިންމާފައި،"
އެހެންނަމަވެސް، ކުރިއަރާފައިވާ ގައުމުތަށް ކަމަށްވާ އެމެރިކާ އާއި އިނގިރޭސިވިލާތާއި ސިންގަޕޫރުގެ މޮޑެލްތަކުން މިސާލު ދެއްކެވުމަށް ފަހު، ޝައުނާ ވިދާޅުވީ، މުޅިން މިނިވަން އޭޖެންސީއަކުން ތިމާވެށީގެ ކަންކަން ބެލެހެއްޓުން، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެކަށީގެންނުވާ ކަމަށެވެ.
އޭގެ ފަހުން، ވަހީދު ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކުރެއްވުމުން ސާފު ޖަވާބެއް ނުދެއްވައި ޝައުނާ ވިދާޅުވީ، އީޕީއޭ ބާރުވެރިކުރުވުމަށް ޓެކްނިކަލް އެހީތެރިކަމާއި ވަސީލަތްތައް ބޭނުންވާ ކަމަށެވެ. މިހާރު މަސައްކަތްކުރަމުން ދަނީ އީޕީއޭގެ ނިންމުންތަކަކީ ސައިންޓިފިކް ބޭސިސް އެއް ގޮތުން ނިންމާ ނިންމުންތަކެއް ކަމަށް ހެދުމަށް ކަމަށާއި، އެގޮތުން މި އަހަރު ނިމުމުގެ ކުރިން އީޕީއޭ އަށް ރީސާޗް އުޅަނދަކާއި، އެ އުޅަނދަށް ބޭނުންވާ މުވައްޒަފުން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.