ޔޯގާ މައްސަލައަކީ ބަޔަކު ވެރިކަމަށް އައުމަށް ރާވައިގެން ހިންގި ކަމެއް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ، ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި މަޖިލީހުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މަހްލޫފު ވިދާޅުވީ، ޔޯގާ މައްސަލައަކީ ސީދާ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ. މިގޮތުން 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުން މަހުލޫފު ފާހަގަކުރެއްވިއެވެ.

މިއީ ސިޔާސީ ބޭނުމެއްގައި ކަނޑައެޅިގެން ބަޔަކަށް އޮޅުވާލައިގެން ގެއްލުން ދިނުމުގެ އުސޫލުން ބަޔަކު ރާވަމުން އަންނަ ކަންކަން.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

މަހުލޫފު އިތުރަށް ވިދާޅުވީ، ޔޯގާ އާއި މިއުޒިކް އަދި ދެން ވެސް ހުރި ކަމެއްގައި ހަރާމް ތޯ ހަލާލްތޯ ސާފުކޮށް ބަޔާން ކުރުމުން އެކަމާ ނޫޅޭނެ ކަމަށެވެ. އަދި މި ވިސްނުމުގެ ތެރެއިން ރުޅިވެރިކަމާ ނަފުރަތު އުފައްދައިގެން ނެރެން ބޭނުންވާ ނަތީޖާއަކީ ވަކި ބަޔަކު ވެރިކަމަށް އައުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިގޮތަށް ހިލާފު އުފެދިފައި، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝެއިހަކު އެއީ ހަރާމޭ ބުނީމަ ދެން އަޅުގަނޑުމެން ގަބޫލު ކުރަންވީ؟ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އެ ޝެއިހެއް، އަޅުގަނޑުމެން ގަބޫލު ކުރަނީ އެހެން ޝެއިހެއް ދައްކާ ވާހަކަ. އެ ޝެއިހް ބުނާ ގޮތަށް އަޅުގަނޑުމެން އުޅެން ޖެހެނީ، އަޅުގަނޑުމެން ނުޖެހޭ ނޫންތޯ މި ޝެއިހް ބުނާ ގޮތަކަށް އުޅޭކަށް.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން އެންމެ ފަހުން ހައްޔަރު ކުރި 2 މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހައްޔަރު ކުރި 21 މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.