މަޖިލީސް މެންބަރުން ގުޅުއްވާ އިރު ފޯނު ނުގަންނަގާވީ، އެކަން ހައްލު ވާނެ ގޮތަކީ ފޯނު ބިލު ދައްކައި ދިނުން ކަމަށާއި، ފޯނު ބިލު ދައްކައިދޭ ނަމަ މެންބަރު ގުޅުއްވާއިރަށް ފޯނު ނަންގަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަހުލޫފް މިއަދު މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ސުވާލު ކުރެއްވުމަށެވެ. އެގޮތުން ޝިޔާން ވަނީ ތޮއްޑޫ އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމާއި ފުޓުބޯޅަ ދަނޑުގެ ލައިޓިން ޕްރޮޖެކްޓް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާއިރު އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައި ވަނީ ކިހިނެއްތޯ އާއި ބެޑްމިންޓަން ހޯލުގެ އަމަލީ މަސައްކަތް ފެށި އެތަނުގައި ކުޅެން ފެށޭވަރު ވާނީ ކިހާ ހިސާބެއްގައިތޯ ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން ފުޓްބޯޅަ ދަނޑުގެ ލައިޓިން ޕްރޮޖެކްޓް އަމަލީ މަސައްކަތް ފެށުމަށް ބަޔަކާ ހަވާލު ކުރާނީ ކޮން އިރަކުންތޯ ވެސް ޝިޔާން ވަނީ ސުވާލު ކުރައްވާފައެވެ.

އެއަށް ފަހު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް އަށް ލިބުނު ފުރުސަތުގައި މެންބަރު ވަނީ ކަނޑިތީމާއި ފޭދޫއަށް ރާވާފައިވާ މަޝްރޫއުތަކާ ގުޅިގެން ސުވާލު ކުރައްވާފައެވެ. އަދި މަޖިލީހުގެ މެންބަރުން ގުޅުއްވީމައި ފޯނު ނަންގަވާ ޖަވާބު ދެއްވާނީ ކިހިނެއް ހެދީވީމަތޯ ވެސް ޝަހީމް ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ފޯނު ބިލު ދައްކައި ދެއްވާނަމަ މެންބަރު ގުޅުއްވާއިރަށް ފޯނު ނަންގަވާ ޖަވާބު ދެއްވާނެ ކަމަށާއި މެންބަރުންގެ 90 ޕަސެންޓް ފޯނު ކޯލަށް ޖަވާބު ދެއްވިފައި ވާނެ ކަމަށެވެ.

"އަޅުގަނޑުގެ ފޯނު ބިލު ދައްކަންޏާ ހަމަ ގުޅުއްވާއިރަށް ޖަވާބު ދޭނަން"
މިނިސްޓަރު މަހުލޫފް

މަހުލޫފް ވިދާޅުވީ ކައުންސިލްތަކާއި ހުރިހާ މަޖިލިސް މެންބަރުންނަށާއި ހުރިހާ އޮފީސްތަކަށް ޖަވާބުދޭން ޖެހޭއިރު ކޮންމެ ފަހަރަކު ފޯނު ނަންގަވާ ޖަވާބުދެއްވޭނެ ކަމަށް ގަބޫލު ކުރައްވައިގެން ނުވާނެ ކަމަށެވެ.

އެ ސުވާލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މަހުލޫފް ވަނީ ފަހަރެއްގައި ފޯނަކަށް ޖަވާބު ނުދެއްވުމަކީ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވިސްނައިދޭ ގޮތަށް މަޖިލީހުގައި ސުވާލު ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ރަށެއްގައި މިނިސްޓްރީ އިން މަޝްރޫއެއް ހިންގާނަމަ އެ ރަށަކަށް ސިޓީއެއް ފޮނުވި ކަމުގައި ވިޔަސް އެ ރަށެއް ނިސްބަތްވާ ދާއިރާއެއްގެ މެންބަރަކަށް އެ ސިޓީގެ ކޮޕީ ފޮނުއްވާ ކަމަށެވެ.