ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާގެ އަސްކަރިއްޔާއިން ފެބުރުއަރީ 24 ވަނަ ދުވަހު ޔޫކްރައިންއަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމަ، އެންމެ ލަސްވެގެން މިއަހަރު ނިމެން ވާއިރަށް ހުއްޓުމަކަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ދުނިޔޭގެ ލީޑަރުންގެ ކިބައިން، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ އެދިވަޑައިގެންފިއެވެ.

ޒެލެންސްކީ މިކަމަށް އެދިވަޑައިގަތީ ޖަރުމަނުވިލާތުގައި ކުރިއަށް ދާ، އިގުތިސޯދީ އެންމެ ކުރިއަރާފައި ވާ ގަދަ 7 ބާރު ނުވަތަ ޖީ-7ގެ އިސްވެރިންގެ ބައްދަލުވުމަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

އަހަރުގެ ފަހުކޮޅަށް ދާއިރު ފިނި މޫސުން ފެށޭއިރު، ރަޝިއާގެ ފައުޖުތައް ބަލި ކުރުމަކީ ޔޫކްރައިންގެ އަސްކަރިއްޔާއަށް މާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެ ތަގުރީރު ކުރިއަށް ގެންދަވަމުން ޒެލެންސްކީ ވަނީ، އަހަރު ނިމެން ވާ އިރަށް، ހަނގުރާމަވެސް ނިމުމަކަށް ގެނައުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކޮށް ދިނުމަށް ޖީ-7ގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

ޒެލެންސްކީ ވަނީ ގައުމު އާރާސްތު ކުރުމަށާ، ވައިގެ ދިފާއީ ނިޒާމުތައް ގާއިމު ކުރުމުގެ އިތުރުން އެ ގައުމުގެ ގޮވާމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް އެހީތެރިވެދިނުމަށާ، ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް ޖީ-7 ލީޑަރުންނަށް ގޮވާލައްވާފައެވެ.

ކަން މިހެން އޮތް އިރު ޖީ-7ގެ ލީޑަރުން މިހާރު ގެންދަވަނީ ރަޝިއާއާ ދެކޮޅަށް އެޅެން ހުރި، ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް ވަޒަން ކުރައްވަމުންނެވެ. ޖީ-7 މެންބަރުން މިހާރުވެސް ދަނީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ ވިޔަފާރީގެ މައިދާނުގައި ރަޝިއާ އެކަހެރި ކޮށްފައި ވާ އިރު، ރަޝިއާގެ އެންމެ މުއްސަނދި، މަހުޖަނުންގެ އެސެޓްތައް ވަނީ ފްރީޒް ކޮށްފައެވެ.

ޖީ-7ގައި މުޅިންވެސް ހިމެނެނީ ނޭޓޯގެ މެންބަރު ގައުމުތައް ކަމަށް ވާ އިރު، އެ ގައުމުތަކުން މިހާރުވެސް ވަނީ އަސްކަރީ އާލާތްތަކުގެ އެހީ، ޔޫކްރައިންއަށް ފޯރުކޮށްދީފައެވެ.

ޖީ-7 އެކުލެވިގެން ވަނީ ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ޖަޕާން، އިނގިރޭސިވިލާތް އަދި އެމެރިކާގެ މައްޗަށެވެ. އެ ގައުމުތަކަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ބޮޑު ކޮންޓްރޯލެއް އޮންނަ ގައުމުތަކެއް ކަމަށް ވާ އިރު، ބައިނަލްއަގުވާމީ މާލީ ނިޒާމުވެސް އޮންނަނީ އެ ގައުމުތަކުގެ މުށު ތެރޭގައި ކަމަށް ވަކާލާތު ކުރެއެވެ.