ޔޯގާ ދުވަސް ފާހަގަ ކުރަން މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑަށް ހަމަނުޖެހުން ހިންގަން ވަދެވުނީ، ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެއްބަސްވެ އެކަން ދެންމެ ހާމަ ކޮށްފިއެވެ.

މިހާރު ކުރިއަށް ދާ ނޫސް ކޮންފަރެންސްގައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އަލީ ޝުޖާއު ވިދާޅުވީ މީގެ ކުރިން ފުލުުހުން ވާނީ މާ ރަނގަޅަށް މާ ޕްރޮޕެޝަނަލްކޮށް ކްރައުޑް ތައް ކޮންޓްރޯލްކޮށްފައި ކަމަށާއި ނަމަވެސް އެ ދުވަހު އެކަން ދިމާވީ ގޯސްކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ، ސެކިޔުރިޓީ ބްރީޗް ވި ގޮތުގެ ވާހަކަ މިވަގުތު ނުދައްކަވާނެ ކަމަށާއި، ނަމަވެސް ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މިހާރު ހަދަމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ އިވެންޓާ ގުޅޭ ގޮތުން ލިބެން ޖެހޭ ކްރިޓިކަލް މައުލޫމާތުތަކެއް ނުލިބި އެބަހުރި ކަމަށާއި، އެ ދުވަހު ގަލޮޅު ދަނޑުގެ ދޮރު ނުވަތަ ސެކިއުރިޓީ ފޫއަޅުޥަލާފައި ވަދެވުމުގައި ޓެކްޓިކަލް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އަދި އެކަން ދިމާވީ، އެ ދުވަހު އެތަނަށް ދާން ޖެހޭ ފުލުހުންގެ ވަކި ޓީމެއް ނުގޮސްގެން ނޫން ކަމަށާއި، އެ އިވެންޓާ ގުޅިގެން ހަރަކާތްތެރިވާން ޖެހުނު ހުރިހާ ޓީމުތަކެއް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. ނަމަވެސް އެކަން ދިމާވުމުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ ޓީމުތަކުގެ މެދުގައި ޓެކްޓިކަލް އޮޅުމެއް އެރީކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވެއެވެ.

މިއަދުގެ ޕްރެސްގައި އެ މައުޟޫއު އިތުރަށް ތަފްސީލު ކުރަމުން ޝުޖާއު ވިދާޅުވީ، ކޮންމެ އުޕަރޭޝަނަކާ ގުޅިގެންވެސް އަދި އިވެންޓްތަކާ ގުޅިގެންވެސް ދުރާލާ އެއްކުރަން ޖެހޭ މައުލޫމާތު ފުލުހުން އެއްކުރާ ކަމަށާއި އެ ދުވަހުގެ އެ އިވެންޓާ ގުޅޭ ގޮތުންވެސް އެއްކުރަން ޖެހޭ މައުލޫމާތު ހޯދާފައި ހުރި ކަމަށެވެ.

އޭނާ އިތުރަށް ވިދާލުވީ، އާންމުންގެ ތެރެއިން ދަނޑަށް ވަން ބަޔަކު ވަނީ، ދަނޑުން ބޭރުގައި އާންމުންނަށް ނަސޭހަތްދީ ބަޔަކު ވިސްނައިދިން ވިސްނުމެއްގެ ސަބަބުން ކަމަށެވެ.

ދަނޑަށް ވަން މީހުން ބައެއް ތަކެއްޗާއި މީހުންނަށް ހަމަލާ ދިން ނަމަވެސް ބޮޑު އަނިޔާއެއް އެއްވެސް މީހަކަށް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ދުވަހު އެމީހުން ދަނޑަށް ވަން އިރު ދަނޑުގައި ބޭރުގެ 5 ޑިޕްލޮމެޓަކާއި، ސަރުކާރުގެ އިސް ބައެއް ވެރިންނާއި ކުޑަކުދިން ތިބި ކަމަށް ބުންޏެވެ.

ފުލުހުން މިހާރު ހައްޔަރު ކުރަމުން ދާ މީހުންނަކީ، އެ އިވެންޓަށް ވަދެ ހަމަނުޖެހުން ހިންގާ ހެދުމާ ގުޅިގެން ހައްޔަރު ކުރާ މީހުން ކަމަށާއި، އެއީ ދީނީ ގޮތުން ޔޯގާ އާ ގުޅިގެން އެކި ފަރާތްތަކުން ނެރެފައިވާ ފަތުވާތަކާ ގުޅިގެން ކުރާ ކަމެއް ނޫން ކަމަށް ބުންޏެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން އެންމެ ފަހުން ހައްޔަރު ކުރި 2 މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.