ރާއްޖޭގައި ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވެސް 1200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހު 19 އިން 25 އަށް 1202 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހިމެނެނީ މާލެ އިން 528 މީހަކާއި އަތޮޅު ތެރެއިން 452 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 222 މީހެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު 51 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މިދިޔަ ހަފްތާ 1202 މީހުން ކޮވިޑަށް ޕޮޒިޓިވް ވިއިރު މިއީ އޭގެ މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 6 ގުނަ އިރު އަދަދެކެވެ. މިމަހު 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 205 މީހުންނެވެ. އޭރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ 15 މީހުންނަށެވެ.
އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާވެސް ގިނަވަމުން ދާތީ އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.
ކޮވިޑްގެ އަލާމަތްތައް ފެންނަ ކަމުގައި ވަނީ ނަމަ، މި ވަގުތު ފުރަތަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އަދި ބަލިން ރައްކާތެރިވުމަށް 3 ފޫޓުގެ ދުރުމިން ބެހެއްޓުމާއި މާސްކް އެޅުމާއި ގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. ބޭރުގައި އުޅޭ އިރު ވެސް ގިނަ މީހުންނާ ކޮންޓެކްޓް ނުވެ، އާންމުކޮށް ދިމާވާ އެއް ބަޔަކާ ދިމާވުމާއި، ބަބްލް ކުޑަ ކުރުމަކީ ވެސް ފަރުދީ ޒިންމާއެއްގެ ގޮތުއި ދެކެން ޖެހެއެވެ.
ކޮވިޑް ފެތުރެމުން އަންނާތީ މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ޖަހަން އަންގާފައެވެ. އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު އަންގާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. ހަމައެއާއެކު އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމުގެ އިތުރުން ބައެއް ގައުމުތަކުގައި މިހާރު ވެސް ކޮވިޑްގެ ހާލަތު ދަނީ ގޯސް ވަމުންނެވެ.