ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ރިޟްވާންގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު ކާނިވާ ސަރަހައްދުގައި ކެފޭއެއްގައި އިންދާ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) ވަނީ ހައްޔަރުކޮށްފައެވެ.

އޭނާގެ އިތުރުން މިއަދު ހައްޔަރު ކޮށްފައި މިވަނީ އަހުމަދު އިސްމާއިލް (އަހަނދު) އެވެ.

އަހަނދު އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އަދި ހަމައެހެންމެ ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން އޭނާއަށް ތުހުމަތު ކުރެއެވެ.

މިއަދު ހައްޔަރުކުރި އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް ހައްޔަރު ކުރި މީހަކެވެ.

ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ.

ރިޟްވާން ގެއްލުނުތާ ފަސް އަހަރުފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.