ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި ހައްޔަރު ކުރި އަހުމަދު އިސްމާއިލް (އަހަނދު) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

އަހަނދު ދޫކޮށްލާފައިވަނީ އޭނާއާ ދެކޮޅަށް ހުރި ހެކި ރައްކާތެރި ކުރެވިފައިވާ ކަމަށް ބުނެ ބަންދުގައި ކޮންމެހެން ބަހައްޓައިގެން ޝަރީއަތް ކުރަން ޖެހޭ ސަބަބެއް މިހާރު ނެތް ކަމަށް ފާހަގަކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން މި ދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދ) 39އ، މ. ލެގޫން ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30އ، އަދި ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ) 40އ އެވެ.

އެ މީހުންގެ ބަންދާއި މެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލާގައި ހައްޔަރުކުރި އަހަނދު އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހަކަށްވާއިރު އަހަނދުއަކީ ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އަދި 26 ވަނަ ދުވަހު ހައްޔަރުކުރި އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާން އުޅުމުގެ ތެރޭގައި ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް ހައްޔަރު ކުރި މީހަކެވެ.

ރިޟްވާން ގެއްލިފައިވަނީ މީގެ 5 އަހަރު ކުރިން އޮގަސްޓް 8، 2014 ވަނަ ދުވަހުއެވެ. އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ

ރިޟްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފަހު ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ދައުވާ ވެސް ކުރިއެވެ. އެހެންނަމަވެސް ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެެވެ. އަދި ނޫރައްދީން އާއި އާލިފްގެ މައްޗަށް ދައުވާ ސާބިތު ކުރަން ހެކި ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ކުށް ސާބިތު ނުވާ ކަމަށެވެ. އެހެންވެ، ދައުލަތުން މި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

މީގެ އިތުރުން އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރިއެވެ. އެކަމަކު ކުށް ސާބިތުވީ ހައިޝަމް އާއި ޒިހާންގެ މައްޗަށް އެކަނި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.