ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މި ސަރުކާރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައި ވަނީ ރޭ ތިން ރައީސުން އެކުވެގެން މަޝްވަރާ ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ސޯލިހު ވިދާޅުވީ، ރިލްވާންގެ މައްސަލަ ތަހުގީގުކޮށް ވަރަށް ޑީޓެއިލް އަދި ވަރަށް ބުރަ މަސައްކަތްތަކެއްކޮށް އެންމެ ފަހު މަރުހަލާގައި ތުހުމަތު ކުރެވޭ 3 ނުވަތަ ހަތަރު މީހަކު އޭރު ޝަރީއަތް ނިމެންދެން ޖަލަށްލި ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެ މީހުން ދޫކޮށްލި ކަމަށެވެ.

ސޯލިހުގެ އެ ވާހަކަތައް ދޮގު ކުރައްވަމުން އުޝާމް ވިދާޅުވީ، ރިލްވާންގެ މައްސަލާގައި ހިމެނޭ މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށެވެ. އަދި އެ މައްސަލާގައި އެންމެ ފަހުން ބަންދުގައި ހުރި ފަރާތް ވެސް ދޫކޮށްލާފައިވަނީ 2023 ސެޕްޓެމްބަރު 19 ވަނަ ދުވަހު ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ މާ ކުރިން، ސޯލިހުގެ ސަރުކާރުގެ ދުވަސްވަރުގައެވެ.

އޭޖީ އިތުރަށް ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލައަކީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާއިރު، މިފަދަ ސާފުކޮށް ފެންނަން ހުރި ކަންކަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު އަބްދުﷲ ރިލްވާނަށް އެކި ފަހަރު މަތިން އިންޒާރު ދިނުމަށް ފަހު، ބަޔަކު އޭނާއަށް ހަމަލާދީ، ރަހީނުކޮށް، ގެއްލުވާލާފައިވަނީ 8 އޮގަސްޓް 2014ގަ އެވެ. ރިލްވާން ގެއްލުނު ފަހުން މި އަހަރަށް 12 އަހަރު ފުރޭނެއެވެ.

ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވަ ބްލޮގަރު ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، ދައުވާ ކުރަން ފޮނުވައި ކޯޓަށް މައްސަލަ ހުށަހެޅި ފުރަތަމަ މައްސަލަ އަކީ ވެސް ޔާމީނާއި ރިލްވާންގެ މަރުގެ މައްސަލަ އެވެ.

ނަމަވެސް، ދައުރު ހަމަވުމާ ހަމައަށްވެސް އެ ދެ މައްސަލައިގައި ވެސް އިންސާފު ގާއިމްކުރެވިފައެއް ނުވެ އެވެ.