ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައާއި ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލި މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކުރި އިސްމާއީލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒް (ގަޓު މުއާ) ގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފިއެވެ.

އެ މައްސަލައިގައި މިދިޔަ ޖޫން 26 ގައި ހައްޔަރުކޮށް، ދައުވާކޮށްފައިވަނީ އިސްމާއީލް އަބްދުއްރަހީމް (އިސޫ)/ މ. ލެގޫންވިއު (30އ)، އަހްމަދު އިސްމާއީލް (އަހަނދު) / މއ. ފާގަފިލާ (39އ)، އަހްމަދު މުއާޒް (ގަޓު މުއާ) / ދަފްތަރު އާރުއެސް 8499 (40އ)އެވެ.

އެ ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއް ރަހީމް (އިސޫ) ދެކޮޅަށް އެ ދެ މަރުގެ މައްސަލައިގައި ވެސް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާއެވެ. ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަހަނދުގެ މައްޗަށް ކޮށްފައިވާއިރު ގަޓް މުއާއަށް ކޮށްފައިވަނީ ޓެރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ އެއް ދައުވާއެވެ.

އަހަނދު ފުރަތަމަ ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުގައެވެ. އެއަށްފަހު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ، އަހަނދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބޭރުކޮށްލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި ފައިގާ ޓެގު އެޅުވުމަށްފަހު އިސޫއާއި މުއާ ވަނީ ދޫކޮށްލާފައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އިސޫ އާއި މުއާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި އެ ދެ މީހުންގެ ފައިގާ އަޅުވަފައިވާ ޓެގު ނެއްޓުވުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ރިޟްވާން ގެއްލިފައި ވަނީ މީގެ ނުވަ އަހަރު ކުރިން އޮގަސްޓް 8، 2014 ގައެވެ. އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.

ރިޟްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފަހު ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ / ކަރަންކާގެ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ / އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ދައުވާ ވެސް ކުރިއެވެ. އެހެންނަމަވެސް ސުއައިދު ދޫކޮށްލުމާ އެކު ރާއްޖޭން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެެވެ. އަދި ނޫރައްދީނާއި އާލިފްގެ މައްޗަށް ދައުވާ ސާބިތުކުރަން ހެކި ހުށަހެޅި ނަމަވެސް ކޯޓުން ނިންމާފައި ވަނީ ކުށް ސާބިތުނުވާ ކަމަށެވެ. އެހެންވެ، ދައުލަތުން މި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

މީގެ އިތުރުން އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ / ސިންދުބާދުގެ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށި / އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރިއެވެ. އެކަމަކު ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށް އެކަނި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.