ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލަ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކަކު ކަމަށް ވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ) ޝަރުތުތަކާ އެކު ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، އިސްމާއީލް ދޫކޮށްލާފައި ވަނީ ފައިގައި ޓެގު އެޅުވުމަށް ފަހު، އޭނާގެ ހަރަކާތްތައް މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުކޮށްފައި ކަމަށާއި، ވަކި ހާލަތްތަކެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ކަމަށެވެ.

އޭނާ ދޫކޮށްލީ ކޯޓުން ބުނި ގޮތުގައި، ބަންދު މުރާޖައާ ކުރުމަށްފަހު ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނާތީއެވެ.

އިސްމާއީލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާއެވެ. އެއީ ޔާމީންގެ މަރުގެ މައްސަލައިގައި އެއް ދައުވާ، އަދި ރިޟްވާން ގެއްލުވާލި މައްސަލައިގައި އަނެއް ދައުވާއެވެ. ދެ ދައުވާ ވެސް އިސްމާއީލްގެ މައްޗަށް އުފުލާފައި ވަނީ ދައުލަތުން ބުނި ގޮތުގައި، ރިޟްވާނާއި ޔާމީނަށް ފާރަލައި، އޭގެ ތެރެއިން ޔާމީން މަރާލުމަށް އެހީތެރިވެދީފައި ވާކަމަށް ބުނެއެވެ.

އެ މައްސަލައިގައި އިސްމާއީލްގެ އިތުރުން ދެން ހައްޔަރުކުރި އަހްމަދު އިސްމާއީލް (އަހަނދު) ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ގައެވެ. ކްރިމިނަލް ކޯޓުން ބުނީ، އަހްމަދު ވެސް ދޫކުރީ އިސްމާއީލަށް ވެސް ކުރި ޝަރުތުތަކާ އެކު ކަމަށެވެ. ނަމަވެސް އިސްމާއީލާއި އަހްމަދު ބަންދުން ދޫކޮށްލި ނަމަވެސް، އެ މައްސަލައިގައި ހައްޔަރުކުރި އަހްމަދު މުއާޒްގެ ބަންދު އަދި މުރާޖައާ ނުކުރާ ކަމަށް ކޯޓުން ބުންޏެވެ

ރިޟްވާން ގެއްލިފައި ވަނީ މީގެ ގާތްގަނޑަކަށް ނުވަ އަހަރު ކުރިން އޮގަސްޓް 8، 2014 ގައެވެ. އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.

ރިޟްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފަހު ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ / ކަރަންކާގެ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ / އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ދައުވާ ވެސް ކުރިއެވެ. އެހެންނަމަވެސް ސުއައިދު ދޫކޮށްލުމާ އެކު ރާއްޖޭން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެެވެ. އަދި ނޫރައްދީނާއި އާލިފްގެ މައްޗަށް ދައުވާ ސާބިތުކުރަން ހެކި ހުށަހެޅި ނަމަވެސް ކޯޓުން ނިންމާފައި ވަނީ ކުށް ސާބިތުނުވާ ކަމަށެވެ. އެހެންވެ، ދައުލަތުން މި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

މީގެ އިތުރުން އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ / ސިންދުބާދުގެ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށި / އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރިއެވެ. އެކަމަކު ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށް އެކަނި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.