އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ، ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައާއި ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލި މައްސަލައިގައި އަހްމަދު އިސްމާއީލް (އަހަނދު) ގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބޭރުކޮށްލައިފިއެވެ.
ޔާމީން މަރާލި މައްސަލަ އާއި ރިޟްވާން ގެއްލުވާލި މައްސަލައިގައި މިދިޔަ އަހަރުގެ 26 ޖޫންގައި ހައްޔަރުކޮށް އޭގެ ދެ މަސް ފަހުން 1 ސެޕްޓެމްބަރުގައި އަހްމަދު އިސްމާއީލްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އުފުލައިފައެވެ.
ހައްޔަރުކުރިތާ ގާތްގަނޑަކަށް އަހަރެއް ފަހުން، ޝަރުތުތަކާ އެކު ޓެގު އެޅުވުމަށް ފަހު އަހްމަދު އިސްމާއީލް ދޫކޮށްލީ މިދިޔަ ޖޫން މަހުގެ 21 ގައެވެ.
މަދަނީ މިންގަނޑުތަކުން ބަލާއިރު، އަހްމަދު އިސްމާއީލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އިއްޔެއެވެ.
އެ ކޯޓުގެ ނިންމުމުގައިވާ ގޮތުން، އަހްމަދު އިސްމާއީލްގެ މައްޗަށް ކުރާ ދައުވާތަކުގެ ކުށުގެ އުންސުރުތައް އޮތް ކަމަށް ބެލެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައެއް ނެތެވެ. ހަމަ އެއާއެކު، ކުށް ކުރުމަށް އެހީތެރިވުމަށް އޭނާ ވަކި ކަންތައްތަކެއް ކުރި ކަމުގެ އެކަށީގެންވާ ހެއްކެތް ހުށަހަޅާފައި ނެތް ކަމަށް އެ ނިންމުމުގައި ވެއެވެ.
އަދި އޭނާ ކުރި ކަމަށް ބުނާ ބައެއް ކަންކަމުގެ ހެކި ހުރި ނަމަވެސް އެއީ ކުށްކުރުމަށް އެހީތެރިވުމުގެ ގޮތުން ނުވަތަ އިންތިޒާމްކުރުމަށް ކުރި ކަމެއް ކަމަށް ބެލެވޭނެ ހެއްކެތް ނެތް ކަމަށް ވެސް ކޯޓުގެ ނިންމުމުގައި ވެއެވެ.
އަހްމަދު އިސްމާއީލްގެ އިތުރުން، ރިޟްވާން ގެއްލުވާލި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ދެން ހައްޔަރުކުރި އިސްމާއީލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ) ގެ ތެރެއިން އިސޫ ވެސް ވަނީ 21 ޖޫންގައި ފައިގައި ޓެގު އެޅުވުމަށް ފަހު ޝަރުތުތަކާ އެކު ދޫކޮށްލައިފައެވެ.