މިފްކޯއިން ޑީސަލް ވިއްކާއަގު ބޮޑުކޮށް، މަސްވެރިންނަށް 17.63 ރުފިޔާއަށް ލީޓަރެއް ވިއްކަން ނިންމައިފިއެވެ.

މިފަހަރު ގެނައި ބަދަލާއެކު މަސްވެރިންނަށް ކުރިން ޑީސަލް ވިއްކި އަގަށް ވުރެ 3 ރުފިޔާ އަދި އާންމުންނަށް ވިއްކި އަގަށް ވުރެ 5 ރުފިޔާ ބޮޑުވާނެއެވެ. އެގޮތުން މަސްދޯނި ފަހަރަށް 17.63 ރުފިޔާއަށް ޑީސަލް ލީޓަރެއް ވިއްކުމަށް ހަމަޖެހިފައި ވާއިރު އާންމު ފަރާތްތަކަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ލީޓަރެއް 22.66 ރުފިޔާއަށެވެ.

މިފްކޯއިން ޑީސަލް ވިއްކާ އަގު ބޮޑުކުރަން ނިންމައިފާ ވަނީ އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު އިއްޔެއިން ފެށިގެން ބޮޑުކޮށްފައި ވަނިކޮށެވެ. އެގޮތުން އެސްޓީއޯ އިން ވަނީ ޕެޓްރޯލް އަދި ޑީސަލްގެ އަގު 13 ޕަސެންޓް ބޮޑުކޮށްފައެވެ.

އެސްޓީއޯއިން ގެނައި ބަދަލާއެކު އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދާނީ 16.55 ރުފިޔާއަށް ކަމަށްވާއިރު ޑީސަލް ލީޓަރެއް ވިއްކަމުން ދާނީ 16.77 ރުފިޔާއަށެވެ.

ރާއްޖެއަށް އެންމެ ފުޅާކޮށް ތެޔޮ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯއިން ބުނީ، ތެލުގެ އަގު ބޮޑުކުރަން ނިންމާފައި ވަނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް އުފުލެމުން ދާތީ ކަމަށެވެ.