މިހާރު އަނެއްކާ ވެސް ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ކޮވިޑަށް ރެންޑަމް ސާމްޕަލް ނަގައިގެން ޓްސްޓް ހަދައި ނުދޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޕީއޭ އިން ބުނީ، މިހާރު ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން ދާ މި ދަނިޑިވަޅުގައި ރާއްޖޭގައި އަންނަނީ ހަލުވި ކަމާއެކު ވައިރަލް ހުމާއި، ޑެންގޫ ފަދަ ރޯގަތައް ވެސް ފެތުރެމުން ކަމަށެވެ. މި ރޯގާތަކަކީ ވެސް ގަދައަށް ހުން އަންނަ ރޯގާތަކެއް ކަމަށް ވާތީ ކޮވިޑް އަކީ ވެސް ގަދައަށް ހުން އަންނަ ރޯގައެއް ކަމުން މި ވަގުތު ރެންޑަމް ސާމްޕަލް ހެއްދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ވަގުތު ގިނަ ރޯގާތަކެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެންކަމުން ހުން އަންނަ ކަމަށް ވަންނާ ހުރިހާ ފަރާތްތަކުން ވެސް ޑޮކްޓަރަސް ދައްކައިގެން ކުރިއަށް ގެންދިއުމަށް އެ އެޖެންސީން އިލްތިމާސް ކުރެއެވެ.

ކޮވިޑަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ / ފޮޓޯ: ދަ ޕްރެސް

ފަހަކާ ޖެހެންދެން ވެސް ރެންޑަމް ސާމަޕަލް އެންމެ ގިނައިން ނަގާ އެއް ތަނަކީ ސެނެހިޔާ ހޮސްޕިޓަލެވެ. މިހާރު ކޮށްވިޑް ޓެސްޓު ހަދަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް ކޮވިޑް ޓެސްޓު ހެދުމުގައި ދަތިތަކެއް ހުރިކަމަށް މައުލޫމާތު ލިބުމުން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސެނެހިޔާ އިން ބުނީ، މިހާރު އެއްވެސް ގޮތަކަށް އެ ހޮސްޕިޓަލުން ރެންޑަމް ސާމްޕަލް ނަގައިގެން ކޮވިޑް ޓެސްޓު ހަދައި ނުދޭ ކަމަށެވެ. ކޮވިޑް ޓެސްޓް ހެދޭނީ ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރުން ކޮވިޑް ޓެސްޓު ހެދުމަށް ލަފާ ދިނުމުން ކަމަށެވެ.

ހަމައެއާއެކު އައިޖީއެމްއެޗް ހޮސްޕިޓަލުން މައުލޫމާތު ދެމުން ބުނީ، މިހާރު ދަތުރުފަތުރު ކުރުމަށް އެ ހޮސްޕިޓަލުން ހަދާ ޕީސީއާރް ޓެސްޓު ހަދައި ދޭ ކަމަށާއި، އަދި އެ ހޮސްޕިޓަލަށް ބަލިވެގެން ޑޮކްޓަރަށް ދައްކާ މީހުންގެ ކޮވިޑްގެ އަލާމަތް ހުރެގެން ޓެސްޓު ހެދުމަށް ޑޮކްޓަރުން ބޭސް ސިޓީގައި އެދިފައިވާ ނަމަ ކޮވިޑް ޓެސްޓް ހަދައިދޭ ކަމަށެވެ. އެގޮތުން އެންޓިޖެން ޓެސްޓާއި ޕީސީއާރް ޓެސްޓު ވެސް ހޮސްޕިޓަލް ތަކުން ހަދައިދެއެވެ.

އެހެންކަމުން ކޮވިޑްގެ އަލާމަތްތައް ފެންނަ ކަމުގައި ވަނީ ނަމަ، މި ވަގުތު ފުރަތަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އަދި ބަލިން ރައްކާތެރިވުމަށް 3 ފޫޓުގެ ދުރުމިން ބެހެއްޓުމާއި މާސްކް އެޅުމާއި ގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. ބޭރުގައި އުޅޭ އިރު ވެސް ގިނަ މީހުންނާ ކޮންޓެކްޓް ނުވެ، އާންމުކޮށް ދިމާވާ އެއް ބަޔަކާ ދިމާވުމާއި، ބަބްލް ކުޑަ ކުރުމަކީ ވެސް ފަރުދީ ޒިންމާއެއްގެ ގޮތުއި ދެކެން ޖެހެއެވެ.

މާލޭ މަގުމަތީގައި މާސްކް އަޅައިގެން އުޅޭ މީހުން / ފޮޓޯ: ދަ ޕްރެސް

ކޮވިޑް ފެތުރެމުން އަންނާތީ މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ޖަހަން އަންގާފައެވެ. އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު އަންގާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. ހަމައެއާއެކު އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.