ސަރުކާރުން ތައުލީމަށް ކުރާ ހޭދަ އެންމެންނަށްވެސް އޮޅިފައި ނެތް ކަމަށާއި ކޮވިޑުގެ މި އުނދަނގޫ ދުވަސްވަރުގައި ރާއްޖޭގެ އިގްތިސާދީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއިރު ވެސް ސަރުކާރުން މަތީތައުލީމާއި ތަމްރީނަށްދޭ ސަމާލުކަމަށް ކުޑަވެސް ހީނަރުކަމެއް ނާންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ކްލިކް ކޮލެޖުގެ ގްރެޖުއޭޝަން ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިނިސްޓަރު ވިދާޅުވީ ކޮވިޑާއި ގުޅިގެން މީހުން ބިނާކުރުމަށް އެކުލަވާލެވުނު އެއްވެސް ޕްރޮޖެކްޓަކަށް ހީނަރުކަމެއް ނާންނަ ކަމަށާއި ބައެއް ތަރައްގީގެ ޕްރޮޖެކްޓްތައް މަޑުޖައްސާލި ނަމަވެސް މީހުން ބިނާކުރުމުގެ އެއްވެސް މަޝްރޫއަކަށް ސަރުކާރުން ބަދަލެއް ނުގެންނަ ކަމަށެވެ.

ދުވަހަކު ވެސް މުހިއްމުނުވާ ވަރަށް ތައުލީމުގެ ބޭނުން މުހިއްމުވެފައިވާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ހޯދަމުންގެންދާ ޒުވާނުން އެ ޒުވާނުން އެ ހޯދަމުންގެންދާ ތައުލީމާއި ދޭތެރޭގައި ފުންކޮށް ވިސްނާ ކަށަވަރު ކަމެއް ހޯދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއވި ކަންކަމަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ އުފަލާއި އެކު ޒުވާނުން ބަލައިގަންނަން ޖެހޭ ކަމަށާއި ޒުވާނުން ކިބައިގައި ހިތްވަރެއް ހުރި ނަމަ ސަރުކާރުން އަބަދުވެސް ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި މިއީ މިއަދު ޒުވާނުން އުފަލާއި އެކު ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނެއް ވަނީ ވުޖޫދަށް އައިސްފައި ކަމަށާއި އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދު ތަކާއި އުސޫލުތައް ހެދުމުގެ ބުރަ ޒިންމާދާރު މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ.