އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުންތަކަށް ފަހު ހައްޔަރު ކޮށްފައިވާ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލާއި ޕީޕީއެމް ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ ހަގީގަތާއި ހިލާފު ދޮގު ތުހުމަތުތަކެއްގައި ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން ބުނީ އެ ދެމީހުންވެސް ވަނީ ފްރޭމްކޮށްފާ ކަމަށާއި މިހާރުން މިހާރަށް އެ މީހުން ދޫކޮށްލުމަށް ގޮވާލާފައެވެ.
ޕީޕީއެމްއިން ވަނީ ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާއި އެއްވެސް ގުޅުމެއް އޮތް ހަރަކާތަކަށް ނުވާއިރު ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމްކުރުމަކީ ވަރަށްވެސް ނާތަހުޒީބު އަމަލެއް ކަމުގައި ސިފަކުރައްވާފައެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ކުށްވެރިކުރެއެވެ.
ޕީޕީއެމްއިން ބުނީ ކުށެއް ނެތް ދީނީ އިލްމުވެރިން އެމީހުންގެ އަނބިންނާއި ދަރިން ކުރިމަތީ އަނިޔާވެރިކަމާއިއެކު ބުލީކޮށް ހައްޔަރު ކުރަމުން ގެންދާ ގެންދިއުންވެސް އެ ކޯލިޝަނުން ބަލައެއް ނުގަންނަ ކަމަށާއި އެ ހާދިސާ އާއި ގުޅުވައިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
އެ ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވަނީ ސަރުކާރުގެ ކަމާ ބެހޭ މުއައްސާސާ ތަކުން ގަސްތުގައި އެ ފަރާތްތަކުގެ ޒިންމާ އަދާ ނުކުރުމުން ކަމަށް ވަރަށް ބޮޑަށް ފެންނާން އޮތް ކަމަށާއި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގާ، އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ޕީޕީއެމްއިން ގޮވާލައެވެ.