އެމެރިކާ ސަރުކާރުން މީގެ ކުރިން ހީކުރި މިންވަރަށް ވުރެ އިތުރަށް، އިންޑިއާއާއި ޗައިނާއިން، ރަޝިއާ އަތުން ތެޔޮ ގަންނަމުން ދިއުން އެކަށީގެން ވާ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އިގުތޮސޯދީ ލަފާ އަރުވާ މުޝީރެއް ތުހުމަތު ކުރައްވައިފިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވަރުގަދަ 2 އިގުތިސޯދަކުން ރަޝިއާ ތެޔޮ ގަންނަމުން ދިއުމަކީ ދުނިޔޭގެ ބާޒާރުތަކަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ސަޕްލައިގެ ދަތިކަމަށް ހިސާބެއްގެ ހައްލެއް ހޯދާދޭ ކަމެއް ކަމަށާ، މި ފަހަކަށް އައިސް ތެލުގެ އަގުތައް ހެޔޮ ވާން ފެށީވެސް އެ ސަބަބާ ހެދި ކަމަށެވެ.

އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓުން ވިއްކާ ތެޔޮ ފީފާއަކުން 5.6 ޕަސެންޓް ހެޔޮވެ، ފީފާއެއްގެ އަގު ވަނީ 103.31 ޑޮލަރަށް ވެއްޓިފައެވެ. އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނީގެ ފީފާއަކުން 5.2 ޕަސެންޓް ހެޔޮވެ، ފީފާއެއްގެ އަގު ވަނީ 108.62 ޑޮލަރަށް ވެއްޓިފައެވެ.

މި ދަނޑިވަޅަކީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން، ރަޝިއާއާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ދާ ދަނޑިވަޅެކެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކާއެކު، ރަޝިއާއިން މިހާރު ތެޔޮ ވިއްކަމުން ދަނީ ޑިސްކައުންޓް އަގެއްގައެވެ.

2022 ވަނަ އަހަރު ފެށިގެން އައި އިރު ރަޝިއާގައި އުފައްދާ ސާފު ނުކުރާ ތެލުގެ 3 ބައިކުޅަ 2 ބައި އެކްސްޕޯޓް ކުރަމުން ދިޔައީ ވިލާތުގެ ގައުމުތަކަށެވެ. ނަމަވެސް މިހާރު 50 ޕަސެންޓް ދަތުރު ކުރަނީ އޭޝިއާއަށް ކަމަށް، ގެޒްޕްރޮމް ނެފްޓްގެ ޗީފް އެގްޒެކެޓިވް އޮފިސާ އެލެކްޒެންޑާ ޑިޔުކޯފް ވަނީ ވިދާޅުވެފައެވެ.

ބާޒާރު ދިރާސާ ކުރާ ކެޕްލާ ކުންފުނީގެ ތަފާސް ހިސާބުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ތައްޔާރު ކުރި ރިޕޯޓަކާ ހަވާލާދީ، އިންޑިއާގެ ދުވަހު ނޫހެއް ކަމަށް ވާ ވިއޯންގައި ބުނެފައި ވާ ގޮތުން، އިތުރުވި ތެލުގެ ޝިޕްމަންޓްގެ ބޮޑު ބައެއް ގޮސްފައި ވަނީ ޗައިނާއާއި އިންޑިއާއަށެވެ.