އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ހަމަ ވެފައިވާ ކުދިންނަށް، ކޮވިޑް-19 ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ، ކޮވިޑް ވެކްސިން ޖަހާ އުމުރުގެ ކުދިންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ކަމަށެވެ. އަދި އެ ކުދިންނަށް ވެކްސިން ޖަހާނީ ދެވަނަ ވެކްސިން ޖެހިތާ 6 މަސްވެފައިވާ ކުދިންނަށް ކަމަށާއި މި ޖަހާ ތިން ވަނަ ޑޯޒް އަކީ ބޫސްޓާގެ ފުރަތަމަ ޑޯޒް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ހަމައެއާއެކު ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް 4 ވަނަ ޑޯޒް ޖަހަން ވެސް ހަމަޖެހިފައެވެ. މީގެ އިތުރުން 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރެވި ހުރި ފަރާތްތަކަށް ވެސް ވެކްސިން ސެންޓަރުތަކުން ތަކުން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާލެ ސަރަހައްދުގައިވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހއްދުން ވެކްސިން ޖަހަން ހަމަޖެހިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އަދި މި މަހުގެ 26 އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަކުންނާއި ދަމަނަވެށިން ވެކްސިން ޖެހައިދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން ބުނެއެވެ.