މިއީ އެންމެ ދުވަހެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް ފޮޓޯއެކެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 80000 އެއްހާ ލައިކް ހޯދި ފޮޓޯއެކެވެ. ފޮޓޯއިން ފެންނަން ހުރި ސޫރައިގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. ބައެއް މީހުންނަށް އެއީ، ބޮލީވުޑްގެ ސުޕާސްޓާ އަމީތާބު ބައްޗަން ކަމުގައި ހީވި ނަމަވެސް، ހަގީގަތް މުޅިން ތަފާތެވެ.

ފޮޓޯއިން ފެންނަން ހުރީ އަފްގާނިސްތާނުގެ ރެފިއުޖީއެކެވެ. މި ފޮޓޯއަކީ 2018 ވަނަ އަހަރުވެސް ފިސާރި ވައިރަލްވި ފޮޓޯއެކެވެ. ގިނަ ބަޔަކު އޭރު ހީކުރީ، އެއީ އަމީތާބު އެ ދުވަސްވަރު މަސައްކަތް ކުރަމުން ދިޔަ ފިލްމެއްގައި އޭނާ ފެންނާނެ ގޮތް ކަމަށެވެ.

ސޯޝަލް މީޑިއާގެ ސުފުރާ މައްޗަށް ފޮޓޯ ރީޝެއާ ކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަޝްހޫރު ފޮޓޯގްރާފަރު ސްޓީވް މެކަރީއެވެ. އެއީ މިދިޔަ އަންގާރަ ދުވަހުއެވެ.

މެކަރީ ރީޝެއާ ކުރި ފޮޓޯއާއެކުވެސް ކޮމެންޓްތައް އަންނަން ފެށީ ހަމަ އެ ރާގަށެވެ. ގިނަ ބަޔަކު ހީކުރީ އެއީ އަމީތާބު ކަމަށެވެ. އަދި އެ ފެންނަނީ އޭނާގެ އާ ފިލްމެއްގެ މަންޒަރު ކަމަށެވެ.

ފުރަތަމަ ނަޒަރުން އަމީތާބުގެ ގޮތުގައި ސިފަ ކުރެވުނު ނަމަވެސް، އެ ފޮޓޯއިން ފެންނަ ޝަހްސަކީ އަފްގާނިސްތާނުގެ ރެފިއުޖީއެއް ކަމަށް ވާ، އުމުރުން 68 އަހަރުގެ ޝަބޫޒްއެވެ. ދިރިއުޅެމުން ދަނީ ޕާކިސްތާނުގައި ކަމަށް މެކަރީގެ ކެޕްޝަންގައި ބުނެފައިވެއެވެ.

އާމިރް ހާންއާއި ކެޓްރީނާ ކެއިފް ފަދަ ތަރިންނާއެކު އަމީތާބު މަސައްކަތް ކުރި ފިލްމު، "ތަގްޒް އޮފް ހިންދުސްތާން"ގައި އަމީތާބު ފެނިގެންދާ ގޮތާއި، 2018 ވަނަ އަހަރުގެ ފޮޓޯއިން ފެންނަން ހުރި ރެފިއުޖީއާ ވައްތަރު ގޮތެއް ހުރެއެވެ.

ބޮލީވުޑްގެ ތަރި އަމީތާބު 2018 ވަނަ އަހަރުގެ ފިލްމުގެ ކެރެކްޓަރުގައި (ވ) އަދި އޭނާއާ ވައްތަރު ކަމަށް ގިނަ ބަޔަކަށް ސިފަވާ އަފްގާން ރެފިއުޖީ ޝަބޫޒް / ފޮޓޯ: ހިންދުސްތާން ޓައިމްސް

ޝަބޫޒްގެ މި ތާރީހީ ފޮޓޯ، ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން މެކަރީ ވަނީ ވަރުގަދަ މެސެޖެއްވެސް ދީފައެވެ. އެ ގޮތުން އެ ފޮޓޯއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ބައެއްގެ ހަނދާން އާ ކޮށްދޭ ފޮޓޯއެއް ކަމަށް ބުނެފައިވެއެވެ. މި ދުވަސްވަރަކީ ތާރީހު ނުދެކޭ ދަރަޖައަކަށް ދުނިޔޭގައި ރެފިއުޖީން ގިނަ ވެފައި ވާ ދުވަސްވަރެއް ކަމަށްވެސް ސްޓީވް މެކަރީ ބުނެފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް އެހީވުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.