އަފްގާނިސްތާނުގެ ދެކުނުއިރުމަތީ އެކަހެރި ސަރަހައްދުތަކާއި އަވަށްޓެރި ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 155 އަށް އަރާ، 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާ ކަމަށް، އަފްގާނިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ހާމަކޮށްފިއެވެ.
ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާނުން ހިންގާ އަފްގާން ސަރުކާރުގެ ގުދުރަތީ ކާރިސާތަކާ ބެހޭ މިނިސްޓްރީގެ ވަޒީރު، މުޙައްމަދު ނާޒިމް ހައްގާނީ މައުލޫމާތު ދޭ ގޮތުގައި، އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ޕަކްތިކާ ޕްރޮވިންސުންނެވެ. އެ ޕްރޮވިންސުން އެކަނިވެސް 100 އެއްހާ މީހުން މަރުވެފައި ވާ އިރު، 250 މީހުން ޒަހަމްވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޖެހިގެން އޮތް ނަންގަރްހާރުން 25 މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އިތުރު ބައެއްގެ ފުރާނަ ގެއްލުނުތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ހަބަރު ލިބެއެވެ.
މީޑިއާގައި ދައުރުވާ މަންޒަރުތަކަށް ބަލާއިރު، އަފްގާނިސްތާނުގެ ބައެއް ގެތަށް ބިމާ ހަމަވެފައި ވާ މަންޒަރު ފެނެއެވެ.
މިއަދުގެ ވަގުތެއްގައި ބިންހެލުން އައިސްފައި ވަނީ ޕާކިސްތާނާ ބޯޑަރު ހިއްސާ ކުރާ ހޯސްތު ސިޓީގެ 27 މޭލު ބޭރުން، 51 ކިލޯމީޓަރު އަޑިއަށް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ވަނީ ހާމަ ކޮށްފައެވެ. ބިންހެލުން އައީ ރެކްޓާ މިންގަނޑުން 6.1ގެ ބާރު މިނުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ބިންހެލުމުގެ ސަބަބުން ޕާކިސްތާނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.