ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް އެމްއެންޕީން ގޮވާލައިފިއެވެ.

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ޔޯގާ އިވެންޓް ހުއްޓުވުމަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.. މީގެ އިތުރުން، އެއްވެސް ފަރާތަކުން ސިޔާސީ ފައިދާއަށް ދީން ހަތިޔާރެއްގެ ގޮތުގައި ނެގުމަކީ އެމްއެންޕީން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް އެމްއެންޕީން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އެ އިވެންޓް ހިނގަމުންދިޔަ ވަގުތު ސްޓޭޑިއަމްގައި ތިބި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމަކީ އެމްއެންޕީން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެޕާޓީން ބުނެއެވެ. މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް އަންދާޒާކުރެވޭނެފަދަ ގޮތްގޮތަށް ފާއިތުވި ދެތިން ދުވަހު އާންމުންގެ ތެރޭގަ އަދި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވުމާއި މިއިވެންޓް ކުރިޔަށް ގެންދިއުމަށް އާންމުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އޮތްކަން ސާފުކޮށް އެނގެން އޮތްއިރުވެސް ފުލުހުން މިކަމަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައި ނެތްކަން އެމްއެންޕީން ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޕީން ބުނީ މިފަދަ އިވެންޓެއް ބޭއްވުމަށް އާންމުންގެ ގިނަ ބައެއްގެ މި ކަންބޮޑުވުން އޮތްއިރު އެކަމަށް ބެލުމެއް ނެތި މި އިވެންޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ މިއިވެންޓްގައި ބައިވެރިވި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލުމެއް ނެތިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސަރުކާރުން މިފަދަ ނިންމުންތައް ނިންމުމުގައި ވީހާވެސް ޒިންމާދާރުކަމާއެކު ކުރިޔަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިފަދަ ނުރައްކާތެރި އަދި ބިރުވެރި ޖަރީމާތަކަށް ދުރާލާ ތައްޔާރުވެ ތިބެ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެމްއެންޕީން ވަނީ ގޮވާލާފައެވެ. އަދި އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް އަދި ގައުމުގައި ސުލްހަވެރިކަން ދެމެހެއްޓުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

ހެނދުނު ޔޯގާ ހަރަކާތް ފަށަން ތައްޔާރުވެފައި އޮއްވާ، ޒުވާނުންގެ ގިނަ ބަޔަކު ވަނީ "ﷲ އަކްބަރު" ގޮވަމުން ވަދެ ދަނޑުން ނުކުތުމަށް ގޮވައި، ދަނޑުގެ އެ ތަނުގައި ޖަހާފައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. ނަމަވެސް އެ ހަމަނުޖެހުންތަކަށް ފަހު ވެސް، ޔޯގާ ދުވަސް ވަނީ ފާހަގަކޮށްފައެވެ.