ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީވެ، އާންމުން އެންމެ ގިނައިން އެއްވެ އުޅޭ ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ، މިދިޔަ ހަފްތާގައިި ރާއްޖޭން 400 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް، އެ އޭޖެންސީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާފައި ވަނިކޮށެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެޗްޕީއޭއިން ބުނީ، މި މަހުގެ ދެވަނަ ހަފްތާއަށް ވުރެ ތިންވަނަ ހަފްތާގައި ރާއްޖޭގައި ކޮވިޑް ކޭސްތައް 185 ޕަސެންޓު އިތުރުވެ، ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ތިން މީހަކު މި މަހު މަރުވެފައިވާ ކަމަށެވެ.

ކޮވިޑްގެ އިތުރުން، އަރިދަފުސް ރޯގާ އާއި މި ދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ފިޔަވަޅު އަޅައި، ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ. އެގޮތުން، އެޗްޕީއޭއިން އެދިފައިވަނީ:

  • ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް
  • ހައި ރިސްކް މީހުންނާއި ކުޑަކުދިން އުޅޭ ތަންތަނުގައި މާސްކް އެޅުމަށް
  • ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ދާއިރު މާސްކް އެޅުމަށް
  • ކޮވިޑްގެ އަލާމާތެއް ހުރިނަމަ މާސްކް އަޅައި، ޓެސްޓުކޮށް، އެކަހެރިވުމަށް
  • ބަލިމީހުންނާ އެކު ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ އެހީތެރިން މަދު ކުރުމަށް
  • ކޮންމެހެން ދާނެ ޖެހިގެން ނޫނީ އެ ތަންތަނަށް ނުދިއުމަށް

ކޮވިޑަށް ޕޮޒިޓިވް ވާ އަދަދުތައް މަތިވަމުން އަންނަ އިރު އެޗްޕީއޭގައި ސްޓާފުންގެ ދަތިކަން ހުރިކަމާއި ޕޮޒިޠިވް ވާ އަދަދުތައް މަތިވަމުން އަންނަ އިރު، ޑައިރެކްޓް ކޮންޓެކްޓުން ޓެސްޓު ހަދާނަމަ ދާން ޖެހެނީ ވެސް އަމިއްލައަށް ކަން ވަނީ އެނގިފައެވެ.

އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާވެސް ގިނަވަމުން ދާތީ އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.