މިއަދު ހެނދުނު ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގުމުގައި ސަލަފް ޖަމްއިއްޔާއިން ބައިވެރިވި ކަމަށް ޔޫތު މިނިސްޓްރު ވިދާޅުވުމުން، އެވާހަކަ ސަލަފުން ކުށްވެރިކޮށްފިއެވެ.

ސަލަފްއިން ބުނީ އިންޑިއާ ހައިކޮމިޝަނާއި ޔޫތް މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ތިއްބާ، ދިވެހި ޒުވާނުންގެ ބަޔަކު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި ނަމަވެސް އެއީ ސަލަފް އަށް ނިސްބަތްވާ ބައެއް ނޫން ކަމަށެވެ.

ސަލަފުން ބުނީ މަދަނީ ޖަމިއްޔާތަކުގެ ބެލެނިވެރިކަމުގެ މަގާމުގައި ހުންނަވައި، ކަމުގެ ހަގީގަތް ބެލުމެއް ނެތި އެފަދަ "ނުރައްކާތެރި" ތުހުމަތެއް ކުރުމަކީ އެ ޖަމިއްޔާއާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކުރެއްވި ޒިންމާދާރުކަން ކުޑަ ނާތަހުޒީބީ އަމަލެއް ކަމަށާއި ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ސަލަފުން މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ.

އެ ޖަމިއްޔާއަކީ އެއްވެސް ހާލެއްގައި ޝަރުއީ ހުދޫދުން ބޭރުން ގައުމުގެ އަމްނު އަމާންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ ގައުމުގެ އަމްނާއި ސަލާމަތް ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލައި ހިންގާ ވައިލެންޓް ހަރަކާތްކަށް ތާއިދުކުރާނެ ބައެއް ނޫން ކަމަށާއި އެ ހަރަކާތަކީ އެ ޖަމްއިއްޔާއާ ގުޅުން ހުރި ހަރަކާތެއް ނޫންކަން، އެކަން ހިންގުމުގެ ކުރިން މީޑިއާ ސްޓޭޓްމެންޓެއްގައި ހާމަ ކުރި ކަމަށް ބުނެއެވެ.

މިއަދު ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވަނީ އެ ހަމަނުޖެހުމަކީ ސީދާ ޕީޕީއެމް އިން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށާއި އެ ހަރަކާތުގައި ސަލަފް ޖަމިއްޔާއިން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި މީގެ ކުރިންވެސް ޔޯގާގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށާއި މިއަދު ކުއްލިއަކަށް ކަންކަން ހަރާމްވެ، ހަލާލުވަމުން އަންނަ ކަމަށް ވިދާޅުވެ މަހުލޫފް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސައުދީގައި ޔޯގާ މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަން އުޅޭ ކަމަށް މަހުލޫފް ވިދާޅުވެއެވެ.