ޖުމްހޫރީ ޕާޓީ( ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމާއެކު އިތުރު ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފިއެވެ.

ސަލަފް ޖަމިއްޔާ އިން މިހެން ބުނެފައި މިވަނީ ސަން އައިލޭންޑުގައި ގާސިމްއާ އެކު ސަލަފްގެ އިސް ބޭފުޅުންތަކެއް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ސަލަފުން ނެރުނު ބަޔާނެއްގައި ބުނީ، ގާސިމާއެކު މި މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު ބައްދަލުވުމެއް ބާއްވާފައި ނުވާނެ ކަމަށާއި ނޫސް މީޑިއާތަކުގައި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ސަލަފުން ވަނީ ދޮގު ހަބަރު ފެތުރި މީޑިއާތަކުން މައާފަށް އެދި ތެދު ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާފައެވެ. އަދި ދޮގު ތެދު ބެލުމެއް ނެތި ލިބޭ ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާ އެކު ކަންކަމުގެ މައުލޫމާތު ފެތުރުމަށް ނޫސްވެރިންނާއި އާންމުންނަށް ސަލަފުން ވަނީ ގޮވާލައިފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމާފައިވާ އިރު، ސިޔާސީ ބޭފުޅުންނާއި އިލްމުވެރިންނާއި ގާސިމް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އެއީ ޖުމްހޫރީ ޕާޓިއަށް ތާއީދު ހޯދެވުމަށް ކުރައްވާ މަސައްކަތެއް ކަމަށް އެޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓަކު ކަނޑައަަޅަން ޕްރައިމަރީއަށް އިއުލާން ކޮށްފައިވާ އިރު، ގާސިމް ނޫން ބޭފުޅަކަށް އެޕާޓީން އެ ޕްރައިމަރީގައި ވާދަ ކުރަން ކެރޭނެ ކަމަކަށް ނުބެލެވެއެވެ.