އެޗްޑީސީއާ ސަލަފު ޖަމިއްޔާ ގުޅިގެން، ރަމަޟާން މަހުގައި ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި ސަލަފު ޖަމިއްޔާއާ ދެމެދު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، ރޯދަ މަހުގައި ފޯރުކޮށްދޭ އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް އެޗްޑީސީން ވަނީ ސަލަފު ޖަމިއްޔާއަށް ބޭނުންވާ ވޯކިންގް ސްޕޭސް ވެސް ހަމަޖައްސާދީފައެވެ.
އެގޮތުން، ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް އެ ޕްރޮގުރާމުގެ ދަށުން އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
"މިފަދަ ތަނެއް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ މިމަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް! ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށްވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް! ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމެއް." ސަލަފު ޖަމިއްޔާގެ ކޯޑިނޭޓަރު، މުހައްމަދު ޝުޖާއު ވިދާޅުވިއެވެ.
މިއީ ބަރަކާތްތެރި ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެއެވެ.
އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުޖްތަމައުއަށް ފައިދާހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއެކު ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުން ކަަމަށް އެ ކުންފުނިން ބުނެއެވެ.