ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ސަލަފް ޖަމިއްޔާގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސަލަފް ޖަމިއްޔާގެ އިސް ބޭފުޅުންގެ އިތުރުން އެ ޖަމިއްޔާ އަށް ނިސްބަތްވާ އިލްމުވެރިންނާއި ޝެއިހުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސަލަފް ޖަމިއްޔާގެ ހެޑްކުއާޓާސްގައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ގާސިމް ގެންދަވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވަމުން ކަމަށެވެ. އެ ގޮތުން މިއަދު ސަލަފްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އިންތިހާބާ ގުޅޭގޮތުން މަޝްވަރާތައް ކުރެއްވި އިރު، އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އިރުރު ކަންކަމުގެ ތަފްސީލެއް އަލީ ސޯލިހެއް ނުދެއްވައެެވެ.

މިއަދު ގާސިމް ވަނީ އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ވެސް ބައްދަލު ކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމާފައިވާ އިރު، ސިޔާސީ ބޭފުޅުންނާއި އިލްމުވެރިންނާ ގާސިމް ބައްދަލު ކުރެެއްވުމަކީ ޖުމްހޫރީ ޕާޓިއަށް ތާއީދު ހޯއްދެވުމަށް ކުރައްވާ މަސައްކަތެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓަކު ކަނޑައަަލަން ޕްރައިމަރީއަށް އިއުލާން ކޮށްފައިވާ އިރު، ގާސިމް ނޫން ބޭފުޅަކަށް އެޕާޓީން އެ ޕްރައިމަރީގައި ވާދަ ކުރާކަށް ނުކެރޭނެ ކަމަށް މަަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.