ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދައްކަވަމުން ގެންދަވާ ވާހަކަ ތަކަކީ ސަލަފް ޖަމްއިއްޔާ އާ މެދު މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ދައްކަވަމުން ގެންދާ ވާހަކަ ތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނުކަން ވެސް ކުރައްވަމުން ގެންދަވާ މާރިޔާ، ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އެތައް ބަޔަކު މުއިއްޒަށް ތާއީދު ކުރަމުންދާ ކަމަށާއި، ސޯޝަލް މީޑިއާގައި ވެސް ހަރުކަށި ފިކުރުގެ ގިނަ މީހުން މުއިއްޒަށް ކެމްޕެއިން ކުރަމުން ގެންދާ ކަމަށެވެ. އަދި ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ މީހުން މުއިއްޒް އެންޑޯޒް ކުރަމުންދާ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އެވާހަކަތައް ކުށްވެރިކޮށް އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖަމިއްޔަތުއް ސަލަފަކީ ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް ނަގަހައްޓައި، ދީނީ ކަންކަމަށް ކުރިމަތިކުރެވޭ ހުރަސްތަކާ ދެކޮޅަށް ހަރަކާތްތެރި ވުމުގެ މަތިވެރި މަގްސަދުގައި މުޖުތަމައުގެ އެކިދާއިރާތަކުގައި ހަރަކާތްތެރި ވަމުން ދާ މަދަނީ ޖަމިއްޔާއެއް ކަމަށެވެ.

އެފަދަ ޖަމިއްޔާއަކަށް ހަރުކަށިފިކުރުގެ ތުހުމަތުކޮށް މާރިޔާ ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށް އެ ނޫސްބަޔާނުގައި ވެއެވެ. އަދި ހަރުކަށި ކަމާއި، ހައްދު ފަހަނަ އެޅުމަކީ ދީނީ ގޮތުން މިނެކިރަން ޖެހޭކަމަކަށް ވުމުގެ އިތުރުން އެއީ ދިވެހިރާއްޖޭގެ ގައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ގައުމީ މިންގަނޑެއް ފެންނަން އޮތް ކަމެއް ނަމަވެސް ދައުލަތުން އަމަލުކުރުމަށް އެކަށައަޅާފައި ވާ މިންގަޑުންވެސް ބޭރުން ހިތުހުރިހައި ފަރާތްތަކަށް ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުން ނިސްބަތް ކުރަމުން ދާ ދިއުމަކީ ވަރަށް ދަށުދަޖައިގެ ޒިންމާދާރުކަން ކުޑަ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަ ކޮށްފައެވެ.

"ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ)ގެ ބަލަދުވެރިފަރާތުގެ ގޮތުގައި ހުންނަވައި، އެކަން ހައްލު ކުރެއްވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެއްވުމެއް ނެތި، މިފަދަ ކަންކަން ކުރެއްވުމުން ދޭހަކޮށްދެނީ ޝަރުއީގޮތުންނާއި ގާނޫނީގޮތުން މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް، ޒިންމާދާރު ކަމާއެކު އަދާކުރުމުގައި ތިމާމެންގެ ނާގާބިލުކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟" އެ ބަޔާނުގައި ސުވާލު އުފައްދާފައި ވެއެވެ.

އަދި އެވާހަކަތައް އެގޮތައް މާރިޔާ ދައްކަވަމުން ގެންދަނީ ލާދީނީގޮތުން ހައްދުފަހަނައަޅާފައި ވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އިސް ފަރާތްތައް ސަރުކާރުގެ މަތީ މަގާމުތަކުގައި ބައިތިއްބާ އެ ޖަމާއަތުގެ ފިކުރާއި ސަރުކާރާގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން އެކަމަށް ފަސް އެޅުމުގެ ގޮތުން ކަަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އަދި މި ގައުމުގެ ޝަރަފްވެރި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި އިހުތިރާމާއި ގަދަރު ލިބިފައިވާ ޢިލްމުވެރިންނާއި އެހެނިހެން ފަރާތްތަކާ ޒާތީގޮތުން ބެހި، އެމީހުންނާމެދު ނަފްރަތު އުފެއްދުމަށް ކުރަމުން ގެންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ސަލަފު ޖަމިއްޔާއިން ވަނީ މާރިޔާ އަށް ގޮވާލާފައެވެ. "ވީމާ، މިފަދަ ދަށުދަރަޖައިގެ ކަންކަމައިގެން އުޅުއްވުމުގެ ބަދަލުގައި ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން، ކަމަނާއާ މަތިކުރެވިފައިވާ ޒިންމާތައް ހެޔޮގޮތުގައި އަދާކުރެއްވުމަށް އިލްތިމާސް ކުރަން" ސަލަފުގެ ބަޔާނުގައި ވެއެވެ.