އެއް ސުމެއް އިތުރުކޮށް މަޖިލީހުގައި ނުބައި އަދަދެއް ވިދާޅުވެވިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އަނެއްކާވެސް މަޖިލީހަށް ހާޒިރުވެވަޑައިގެންފިއެވެ.
މިއަދުގެ މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރަށް ނުބައިކޮށް ނަންބަރެއް ވިދާޅުވެވުނުކަމާއި އެގޮތުން އެއް ސުމެއް އިތުރުކުރައްވައިގެން ނަންބަރެއް ވިދާޅުވެވިފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެހެންކަމުން މިނިސްޓަރު މައުސޫމު މިއަދު މަޖިލީހަށް ވަޑައިގަތީ އެ ދުވަހު ނުބައިކޮށް ވިދާޅުވެވުނު ޖަވާބު އިސްލާހުކުރެއްވުމަށް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލީހަށް ވަޑައިގެން އެ ވާހަކަ އޮޅުންފިލުއްވައިދެއްވަންޖެހޭ ކަމަށާއި އެ ފުރުސަތު މިނިސްޓަރަށް ދެއްވަން ނިންމެވީ ކަމަށްވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
ޖަވާބު އިސްލާހު ކުރައްވާއިރު މިނިސްޓަރު އުފުއްލަވަންޖެހޭ ތަކުލީފަކީ އިތުރު ސުވާލުގެ ވަގުތުގެ 30 މިނިޓުކަމަށް ނަޝީދު ވިދާޅުވިއެވެ.
ޑރ.މައުސޫމް ވިދާޅުވީ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާއިރު އަދަދުތައް ވިދާޅުވާން ޖެހިވަޑައިގަންނަވާ ކަމަށާއި އެގޮތުން ރިޔާޒުގެ ސުވާލުގައި ތ.އަތޮޅުގައި ހުރި ގެސްޓުހައުސްތަކުގެ އަދަދާމެދު ސުވާލުކުރެއްވުމަށްފަހު އެ ގެސްޓުހައުސްތަކުގެ ބެޑުގެ އަދަދާމެދު ސުވާލުކުރެއްވުމުން ޖަވާބުދެއްވީ އަތްޕުޅުގައި އޮތް ނޯޓަށް ރިއާޔަތްކުރައްވައިގެން ކަމަށެވެ.
މައުސޫމް ވިދާޅުވީ އޭގެ އަނެއް ދުވަހު ރިޔާޒު ވީޑިއޯކޮޅަކާއެކު ސުވާލެއް ފޮނުއްވި ކަމަށާއި ހަ ރަށުގައި 700 އެނދުތޯ ސުވާލުކުރައްވައި ކަމަށެވެ. އަދި ވަގުތުން 700 ނޫން ކަމަށާއި 70 ކަމަށް ވިދާޅުވި ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ޖަވާބުދިނުމަށްފަހު މަޖިލީހުގައި ދެއްކެވި ވާހަކަތަކުގެ ވީޑިއޯ ބައްލަވާލެއްވިއިރު 700 އޭ ދެންނެވިފައިވާ ކަމަށާއި އެކަން އިސްލާހުކުރެއްވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވި ކަމަށް މައުސޫމް ވިދާޅުވިއެވެ.