ރެކޯޑް ކުރެވިފައިވާ ކިތާބީ ހެކީގެ ތާރީހަށް ބަލާއިރު، ތާޒާ ފެނަށް ދިރޭ އެންމެ ބޮޑު މަހުގެ ދިރުން ކަމުގައި ބެލެވޭ ބޮޑު މަޑިއެއް ކެމްބޯޑިއާއިން ފެނިފައި ވާ ކަމަށް ސައެންސްވެރިން ބުނެފިއެވެ.

ކެމްބޯޑިއާގެ މީކޮންގް ކޯރުން ފެނުނު ބޮޑު މަޑީގެ ބަރުދަނުގައި 300 ކިލޯގްރާމް ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ތާޒާ ފެނަށް ދިރޭ އެންމެ ބޮޑު މަހުގެ ދިރުމުގެ ރެކޯޑް މީގެ ކުރިން އޮތީ ތައިލޭންޑްގައެވެ. އެއީ 2005 ވަނަ އަހަރު ބޭނި، 293 ކިލޯގްރާމްގެ ކެޓްފިޝްއެކެވެ.

ތާޒާ ފެނަށް ދިރޭ މަސްމަހާމެހީގެ ދިރުންތަކުގެ އެންމެ ބޮޑު މަހުލޫގުގެ ދުނިޔޭގެ ރެކޯޑެއް އެންމެ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައެއް ނުވެއެވެ.

މީކޮންގްއަކީ ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދެއް ނަމަވެސް، އާދަޔާ ހިލާފު ގަދައަށް މަސްވެރިކަން ކުރުމާއި ޑޭމްތައް އަޅާފައި އޮތުމާއި ތަޣައްޔަރު ކަމުގެ ސަބަބުން، އެ ނާޒުކު ވެއްޓަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.

މީކޮންގް ކޯރަކީ ޓިބެޓް ޕްލެޓޫ ތެރެއިން ޗައިނާ، މިޔަންމާ، ތައިލޭންޑް، ލާއޯސް، ކެމްބޯޑިއާ އަދި ވިއެޓްނާމްވެސް ހުރަސްކުރާ ބޮޑު ކޯރެކެވެ.

ގުދުރަތީ ދިރުންތައް ހިމާޔަތް ކުރުމަށް އެމެރިކާ އެހީގެ ދަށުން ހިންގާ މަޝްރޫއެއްގެ ދަށުން، މީކޮންގް ކޯރުގެ ދިރުންތަކާ ބެހޭ ދިރާސާ ކުރަމުންދާ ބަޔޮލޮޖިސްޓް، ޒީބް ހޯގާން ވިދާޅުވީ، ތާޒާ ފެނަށް ދިރޭ ބޮޑެތި މަސްމަހާމެހީގެ ދިރާސާތައް، ދުނިޔޭގެ ހުރިހާ ބައްރެއްގެ ކޯރުތަކާއި ފެންގަނޑުތަކުގައި ކުރިއަށް ގެންދާ އިރު، އެންމެ ފަހުން ފެނުނު މަޑިއަކީ ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައިވެސް ރެކޯޑް ކުރެވުނު އެންމެ ބޮޑު ދިރުން ކަމަށެވެ.

މި ބޮޑު މަޑި ބޭނިގެން ރިޕޯޓް ކުރީ ކެމްބޯޑިއާގެ މަސްވެރިއެއް ކަމަށްވާ ކޮހް ޕްރިއާއެވެ. އޭނާ އެ މަޑި ބޭނީ ޖޫން 13 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެ މަޑީގެ ދިގު މިނުގައި 3.98 މީޓަރު ހުރި އިރު، ފުޅާ މިނުގައި 2.2 މީޓަރު ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

އެ މަޑީގައި އެކޫސްޓިކް ޓެގެއް އެޅުވުމަށްފަހު، ހަރަކާތްތައް ބެލުމަށްޓަކާ، އަނބުރާ މިކޮންގް ކޯރަށް މިހާރު ވަނީ ދޫކޮށްލާފައެވެ.