ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރުގެ މަސައްކަތެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ވިނަރެސް ފްލެޓްތައް އެޗްޑީސީއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، މި މަޝްރޫއުގައި 2009 ވަނަ އަހަރު ސޮއިކުރީ ވެސް އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ކަމަށެވެ.

ވިނަރެސް ފްލެޓްތައް އެޗްޑީސީ އާ ހަވާލުކުރުމުގެ ރަސްމިއްޔާތު - އެޗްޑީސީގެ ފަރާތުން އެމްޑީ ސުހައިލް އަހްމަދު ފްލެޓްތަކާ ހަވާލުވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

އަދި މިި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ހުޅުމާލޭގައި ހިންގިއިރު ދެވަނަ ފިޔަވަހީގައި ހުޅުމާލޭގައި 796 ޔުނިޓް އަދި ރާއްޖޭގެ ދެކުނުގެ ހަތަރު ރަށެއްގައި 704 ހައުސިން ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވިނަރެސްއަކީ މިމަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ، އެކަމުގެ އެއްބަސްވުމުގައި ކުރީގެ ސަރުކާރުން ސޮއިކުރި ނަމަވެސް މި ހައުސިން ޕްރޮޖެކްޓު އުފަންވެގެން އައީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ވިނަރެސްއަށް ކުރިމަތިލުމަށް ހުޅުވާލައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިތުރު ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ވެސް ޗައިނާއާއި ރާއްޖެއާ ވަރަށް ގާތުން މަޝްވަރާ ކުރެވެމުންދާ ކަން އަސްލަމް ފާހަގކުރެއްވިއެވެ.

އަޅުގަނޑުމެންގެ ސަރުކާރެއްގެ ފެށުމެއްގެ ގޮތުގައި މިކަން ފެށިފައި މި އޮތީ. މިކަން ނިންމާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބޭ ކަމީ އަޅުގަނޑަށް ލިބޭ އުފަލެއް، އަދި ވަރަށް ބޮޑު ފަހުރެއް
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

ގާތްގަނޑަކަށް 900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފްލެޓްތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެއް ގޮތަކީ ފްލެޓްގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމަންޓްގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ފުރަތަމަ އޮޕްޝަނުގައިވާ ގޮތަށް ކުލި 20 އަހަރަށް ބަހާލުމުން ކޮންމެ އެޕާޓްމަންޓަކަށް ވެސް 19،000 ރުފިޔާއާއި 23،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ. ދެވަނަ އޮޕްޝަނުގައިވާ ގޮތަށް ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ.

ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ހުރި ފްލެޓްތަކުން ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.