ގިނަ ގައުމުތަކުގެ ދައުލަތުގެ އެއާލައިން ހިންގަނީ ގެއްލުމުގައި މަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ އައިލެންޑް އޭވިއޭޝަނަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށައެޅުއްވި ކުއްލި މައްސަލައާ ގުޅިގެންނެވެ.

ރޮޒައިނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައިވެސް ގައުމީ އެއާލައިން ހިންގީ ގެއްލުމުގައި ކަމަށާއި ގައުމީ އެއާލައިނުން ސަބްސިޑައިޒް ކޮށްގެން އެއާލައިން ހިންގަނީ ފައިދާ ނުވާތީ ކަމަށާއި އެއީ އަބަދުވެސް ހިންގާ ގޮތް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އިދިކޮޅު މެމްބަރުން ރައްޔިތުންނަށް އޮޅުވާލަން ވާހަކަތަކެއް ދައްކާއިރު އެކަމަށް ޖާގަދޭން ބޭނުންނުވާ ކަމަށާއި އެހެންނަމަވެސް ހަރުދަނާ ވާހަކައެއް ދައްކާނަމަ އެކަމަށް ފުރުސަތުދޭނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރަނގަޅު އިސްލާހުތަކެއް ހުށަހަޅާފައިވަނިކޮށް އޭގެވެސް މަފްހޫމު އޮޅޭގޮތަށް ވާހަކަ ދައްކާފައިވުމުން އެކަމާ ހިތާމަކުރާ ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކަތައް އަޑުއަހާ ތެދުކަން ގަބޫލުކޮށްގެން ހުރުމަކީ ހެޔޮވާ ވަރުކަމެއް ނޫން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.