އިންތިހާ ބިކަ ހާލުގައި، އަވަށްޓެރި ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޔާ ރެފިއުޖީން، އަނބުރާ މިޔަންމާއަށް ދިއުމަށް ޑިމާންޑްކޮށް، ވަރުގަދަ މުޒާހަރާއެއް ކުރިއަށް ގެންގޮސްފިއެވެ.

ލައްކައެއްހާ މީހުން ބައިވެރިވެގެން އޯގަސްޓް 2019 ގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާއަށް ފަހު، ބަންގްލަދޭޝްގައި ރޯހިންޔާ ދަރިކޮޅުގެ ރެފިއުޖީން މުޒާހަރާ ކުރުން މަނާކޮށްފައި އޮތް ނަމަވެސް، އާދީއްތަ ދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައި އޮތް ކަން ފާހަގަ ކުރަން ޖެހެއެވެ.

ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި "ބަރި ޗޯލޯ" (ހިނގާ ގެއަށް ދާން) ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ރޯހިންޔާ ދަރިކޮޅު ރެފިއުޖީން ދިރިއުޅެމުން ދިޔަ 23 ކޭމްޕަކުން މީހުން ބައިވެރިވިއެވެ.

އޮނާއި ސަތަރިން ހަދާފައިވާ 34 ކޭމްޕެއްގައި، ރޯހިންޔާ ދަރިކޮޅުގެ މިލިއަނެއްހާ ރެފިއުޖީން ބަންގްލަދޭޝްގައި ދިރިއުޅެމުން ދަނީ އިންތިހާ ނިކަމެތި ހާލުގައެވެ. އަދާ ކުރާނެ ވަޒީފާއެއް ނެތް އިރު ޒަރޫރީ އެތައް ހިދުމަތަކުން ވަނީ މަހްރޫމުވެފައެވެ. ނަރުދަމާގެ އެކަށީގެންވާ ނިޒާމެއް ނެތް އިރު، ތައުލީމު ހާސިލު ކުރެވޭނެ ގޮތެއްވެސް ނެތެވެ.

ރެފިއުޖީންގެ ރެލީއެއްގައި ވާހަކަ ދައްކަމުން، ރޯހިންޔާ ކޮމިއުނިޓީގެ ލީޑަރު ސައީދުއްލާ ވަނީ ކޭމްޕުތަކުގައި ތިބެން ބޭނުން ނުވާ ކަމަށާ، ރެފިއުޖީންގެ ގޮތުގައި ތިބުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ބުނެފައެވެ. މިހާރު ފުދިއްޖެ ކަމަށް ބުނެ، އޭނާ ވަނީ އަނބުރާ "ގެއަށް ދިއުމަށް" ރޯހިންޔާ ރެފިއުޖީންނަށް ގޮވާލާފައެވެ.

ފުލުހުން މައުލޫމާތު ދީފައި ވާ ގޮތުގައި، ރޯހިންޔާ ރެފިއުޖީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ކުޑަކުދިންވެސް ވަނީ ބައިވެރިވެފައެވެ.

މުޒާހަރާގެ ބައިވެރިއެއް ކަމަށް ވާ ރާބިޔާ ނަމަކަށް ކިއާ މީހަކު ވަނީ، ބަންގްލަދޭޝްއިން އަދާ ކުރި މެހެމާންދާރީއަށް މަރުހަބާ ކިއާ ކަމަށާ، ނަމަވެސް މިހާރު ބޭނުންވަނީ، އުފަން ވަޒަނަށް، ވީ އެންމެ އަވަހަކަށް އެނބުރި ދިއުމަށް ކަމަށް ބުނެފައެވެ.

ބަންގްލަދޭޝްގައި ތިބި ރޯހިންޔާ ދަރިކޮޅުގެ ރެފިއުޖީން މިޔަންމާއަށް އަނބުރާ ގެންދިއުމުގެ އޮޕަރޭޝަނެއް މީގެ ކުރިން ފެށިއެވެ. ނަމަވެސް އެ މަޝްރޫއު ފެއިލްވީ، ސަލާމަތާ ރައްކާތެރިކަމާ މެދު ސުވާލު ތަކެއް އުފެދި، އެ މަޝްރޫއައިގެން ކުރިއަށް ދިއުމަށް ރޯހިންޔާ ރެފިއުޖީން އިންކާރު ކުރި ހިސާބުންނެވެ.

ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޔާ ރެފިއުޖީންނަކީ މީގެ 5 އަހަރު ކުރިން މިޔަންމާގެ ސަރުކާރުން، މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުން ސަލާމަތްވުމަށް އެ ގައުމު ދޫކޮށް ބަންގްލަދޭޝްއަށް އެތެރެވި ރެފިއުޖީންނެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން 20 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ރެފިއުޖީންގެ ދުވަހުގެ ގޮތުގައެވެ.