ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރުއޫގެ ދަށުން ގާއިމްކޮށްފައިވާ ސްޓެލްކޯޯގެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ އަހަރު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެ ކުންފުނީގެ ފްލެޓްތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށާއި ޕްލޭނާ އެއްގޮތަށް މަސައްކަތް ނިމިއްޖެނަމަ އަންނަ މަހުގެ ފަހުކޮޅު މުވައްޒަފުންގެ ފްލެޓްތަކަށް ވަދެވޭނެ ކަމަށެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ލުޔެއް ދިނުަމަށްޓަކައި އެތަންތަނުގެ ކުލި ޖެނުއަރީ މަހުގެ ތެރޭގައި ނަގާ ގޮތަށް ގްރޭސް ޕީރިއަޑެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ކުލި ނެގުން ލަސްކުރީ ބައެއް މުވައްޒަފުންނަށް އަދިވެސް ޑައުން ޕޭމަންޓު ނުދެއްކޭތީ ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ އެ ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

"އަޅުގަނޑުމެން ކުލި ނަގަން ފަށާނީ ޖެނިއަރީ 1 އިން ފެށިގެންނޭ. ސަބަބަކީ އަޅުގަނޑުމެންނަށް އެނގޭ ބައެއް މުވައްޒަފުން މިހާރުވެސް 20 ޕަސެންޓް ދެއްކުމަށް މުސާރައިން އުނި ކުރަމުން އެބަދޭ. އަނެއްކާ ކުލި ދައްކާނަމަ އިތުރު ޗާޖެއް ވެގެންދާނެ"
ޝަރީފް

ސްޓެލްކޯގެ އެންމެ ބޮޑު ރައުސުލްމާލަކީ އެކުންފުނީގެ މުވައްޒަފުން ކަމަން ފާހަގަކުރައްވާ ޝަރީފް ވަނީ ވަޒީފާގެ ކުރިއެރުން ނުލިބި ތިބި 420 މުވައްޒަފަކަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޝަރީފް އިތުރަށް ވަނީ ސްޓެލްކޯގެ މުވައްޒަފުން ދޭ ހިދުމަތަކީ ރައްޔިތުންނަށް ގަބޫލުކުރެވޭ، ރައްޔިތުން ހެޔޮ ހިތުން ލިބިގަންނަ ހިދުމަތަކަށް ހައްދައި ދިނުމަށް އެދިވަޑައިގެންފައެވެ.