ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންދާ ދާތީ، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ އިންޒާރު ދެއްވައިފިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެޑްމިޓް ކުރާ ކޭސްތައް ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުން ކަމަށާއި އޭގެ މާނައަކީ، މުޖުތަމައުގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަރަށް ގިނަ ވެފައި ވާ ކަމަށެވެ. އެހެންވެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކުރާ މީހުން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުން މަދު ކުރަން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި މި ވަގުތަކީ ދެން އޮތް "ލައިން އޮފް ޑިފެންސް" ފަށަން ވީ ވަގުތު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ފިޔަވަޅުތައް ހަރުކަށި ކުރުމަށް ޑރ. މުހައްމަދު އަލީ ގޮވާލައްވާފައި ވާއިރު، މިހާރު ކޭސްތައް އިތުރުވަމުން އަންނާތީ އައިޖީއެމްއެޗަށް ދާ ފަރާތްތަކުން މާސްކް އަޅައިގެން ދިޔުމަށް އެ ހޮސްޕިޓަލުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 142 މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. އެއީ އޭގެ ކުރީ ހަފްތާއަށް ވުރެ 69 ޕަސެންޓް އިތުރު އަދަދެކެވެ. އެހެންވެ، ސާމްޕަލް ޕޮޒިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް 40 އަކަށް މީހުން ޕޮޒިޓީވް ވަމުން ދާކަން "ދަ ޕްރެސް" އަށްވެސް އެނގިފައި ވެއެވެ.

ކޮވިޑް-19 ގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށްޓަކައި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށް އެންމެ ފަހުން އަލާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުމަށާއި، ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކާއި ބަލީގެ ސަބަބުން ނުރައްކާ ވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި އާއި އެތަންތަނަށް ޒިޔާރަތްކުރާ އިރު މާސްކް އެޅުމަށެވެ.

ހަމައެއާއެކު ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓާ ޖެހުމަށް ވަނީ ގޮވާލާފައެވެ.