ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ފެބުރުއަރީ 24 ވަނަ ދުވަހު ފެށި ހަނގުރާމަ، އަދި އެތައް އަހަރަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު، ނޭޓޯގެ އިސްވެރިޔާ، ޖެންސް ސްޓޯލްޓެންބާގާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ދެއްވައިފިއެވެ.

ރަޝިއާގެ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުންދާ މި ދަނޑިވަޅުގައި ޖޯންސަންއާއި ސްޓޯލްޓަންބާގް ވަނީ، ހުޅަނގުގެ ބާރުތަކުންވެސް ދިގުލާ ގޮސްފާނެ ހަނގުރާމައަކަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ.

ސަންޑޭ ޓައިމްސްއަށް ލިޔުއްވި އާޓިކަލްއެއްގައި ޖޯންސަން ވިދާޅުވީ ހުރިހާވެސް އެއްޗަކީ ވަގުތު ކަމަށެވެ. އަދި ހުރިހާ ކަމެއް ބަރޯސާވަނީ، ހަމަލާ ދިނުމުގެ ގާބިލިއްޔަތުކަން ރަޝިއާއިން އިޔާދަ ކުރުމުގެ ކުރިން، ޔޫކްރައިންއަށް ފަސްގަނޑު ދިފާއު ކުރުމަށް މަސައްކަތް ކުރެވުމުގެ މައްޗަށް ކަމަށްވެސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

އެތައް އަހަރަކަށް ހަނގުރާމަ ދިގުލާ ހިނގައިދާނެ ކަމަށް ސްޓޯލަންޓަންބާގް އިންޒާރު ދެއްވީ ޖަރުމަނުވިލާތުގެ ނޫހަކަށް ލިޔުއްވި އާޓިކަލްއެއްގައެވެ. އަދި އެހީ ދޭންވީ ހަމައެކަނި އަސްކަރީ ރޮނގުން ނޫން ކަމަށާ، ހަކަތައާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާ ދިއުމުގެ މައްސަލައަކީވެސް އެހީ ބޭނުންވާ ދާއިރާތައް ކަމަށް ސްޓޯލްޓަންބާގް ވަނީ ފާހަގަ ކުރައްވާފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހުން ޖޫން 14 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައި ވާ މައުލޫމާތަށް ބަލާއިރު، ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމާގައި މަރުވި އާންމުންގެ އަދަދު ވަނީ 4452 އަށް އަރާފައެވެ. އޭގެ ތެރޭގައި 280 ކުޑަކުދިން ހިމެނެއެވެ.