ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު މަގާމުން ވަކިކުރި ކޯޓު އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން އެންގި މައްސަލައިގެ އިސްތިއުނާފް އަޑު އެހުމެއް މާދަމާއަށް ހައިކޯޓުގައި ތާވަލު ކޮށްފިއެވެ.

ކޯޓު އެޑްމިނިސްޓްރޭޓަރުން ގާނޫނާ ހިލާފަށް މަގާމުން ވަކިކުރި މައްސަލައިގައި މާދަމާއަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮތީ މައްސަލައިގެ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑު އެހުމެއް ކަމެއް ސާފެއް ނުވެއެވެ. މީގެ ކުރިން މި މައްސަލައިގެ އަޑު އެހުންތަކެއް ވަނީ އެ ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

ޖޭއެސްސީގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހުތަކާއެކު ދިހަ ކޯޓެއްގެ އިދާރީ އެންމެ އިސްވެރިން ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި މާލޭގައި ގާއިމް ކޮށްފައިވާ ސުޕީރިއާ ކޯޓުތަކުގެ އިތުރުން ހައިކޯޓާ އަދި އެހެން ބައެއް ކޯޓުތައް ހިމެނެއެވެ.

އެޑްމިނިސްޓްރޭޓަރުން ވަކިކުރި މައްސަލަ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ޖޭއެސްސީއާ ދެކޮޅަށް ދައުވާ ކޮށްފައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަތައް ބެލުމަށް ފަހު އެ އެންމެންނަށް އަލުން ވަޒީފާ ދިނުމަށް ޖޭއެސްސީގެ މައްޗަށް އަމުރު ކުރިއެވެ. އެއާއެކު ޖޭއެސްސީން ވަނީ އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.