މިހާރު ދުވާލެއްގެ މައްޗަށް 40 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންދާ ކަމަށް "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.
އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާވެސް ގިނަވަމުން ދާތީ އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.
"ދަ ޕްރެސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް 40 އަށް ވުރެ ގިނަ މީހުނަށް ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. މިއީ ކުއްލި އިތުރުވުމެއްކަން މީގެ 2 ހަފްތާއެއްގެ ކުރީގެ އަދަދުތަކަށް ބަލާލުމުން އެނގެއެވެ. އޭރު ދުވާލަކަށް ޕޮޒިޓިވް ރޭޓް ހުރީ 15-20 އާ ދެމެދުގައެވެ.
ކޮވިޑަށް ޕޮޒިޓިވް ވާ އަދަދުތައް މަތިވަމުން އަންނަ އިރު އެޗްޕީއޭގައި ސްޓާފުންގެ ދަތިކަން ހުރިކަމާއި ޕޮޒިޠިވް ވާ އަދަދުތައް މަތިވަމުން އަންނަ އިރު، ޑައިރެކްޓް ކޮންޓެކްޓުން ޓެސްޓު ހަދާނަމަ ދާން ޖެހެނީ ވެސް އަމިއްލައަށް ކަން ވަނީ އެނގިފައެވެ.
ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ސްކޫލުތަކުގައި ތަފާތު ގިނަ ހަރަކާތްތައް އަންނަނީ މިދުވަސްކޮޅު ބާއްވަމުންނެވެ.
މީގެ އިތުރުން ކުރިއަށް އޮތް ބޮޑު އީދަށް ގިނަ ބަޔަކު ރަށްރަށަށް ދިއުމަށް ތައްޔާރީތައް ވަމުންދާ އިރު މައުލޫމާތު ލިބިފައިވާގޮތުގައި އެދުވަސްކޮޅު ގިނަ ފްލައިޓްތައް އޮތީ މިހާރު ވެސް ފުރިފައެވެ. އަދި ފެރީތަކުން ވެސް ގިނަ ބަޔަކު މިހާރު ޓިކެޓު ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެޗްޕީއޭއިން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 142 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އެއީ އޭގެ ކުރީ ހަފްތާއަށް ވުރެ 69 ޕަސެންޓް އިތުރު އަދަދެކެވެ. އެހެންވެ، ސާމްޕަލް ޕޮޒިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެހެންކަމުން، ކޮވިޑްގެ ސަބަބުން ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށްޓަކައި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށްޓަކައި އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް، އެ އޭޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމައެއާއެކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީޢޭއިން ބުނެއެވެ. އެގޮތުން 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓާ ޖެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމުގެ އިތުރުން ބައެއް ގައުމުތަކުގައި މިހާރު ވެސް ކޮވިޑްގެ ހާލަތު ދަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
ތިވެސް ދެން އަރަތެއް ކަހަލަ ކަމެއް އެޗްޕީއޭއިން ހަމަ ކޮވިޑް ގިނަވެއޭ ހަމަބުނީ ގިނަވީ ތިއުލެނީ ޕާޓީ ކުދިންކޮޅަށް އަނެއްކާ ލާރިކޮޅެއް ހޯދަދޭނެ ގޮތެއް ނެތިގެން