ދުނިޔޭގެ އެންމެ ބިޔަ ޖަންގަލި ކަމަށް ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި ދިރިއުޅެމުންދާ ގަދީމީ ދަރިކޮޅުތަކުގެ މީހުންގެ މައުލޫމާތު ގެނެސްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު އިނގިރޭސި ނޫސްވެރިޔާ ޑޮމް ފިލިޕްސްއާއި، އެ މަސައްކަތުގައި އޭނާއަށް އެހީތެރިވެމުން ދިޔަ ތަޖުރިބާކާރު ބްރޫނޯ ޕެރެއިރާގެ ގަޔަށް ބަޑިޖަހާފައި ވާނެ ކަމަށް މީހަކު އިއުތިރާފު ވެއްޖެއެވެ.

ބްރެޒީލްގެ ފުލުހުން ބުނީ، ފިލިޕްސްއާއި ޕެރެއިރާގެ ގަޔަށް ބަޑިޖެހި ކަމަށް އިއުތިރާފު ވެފައި ވަނީ، އެ ދެ މީހުން ގެއްލުނު ހާދިސާއާ ގުޅިގެން ތުހުމަތު އަމާޒުވާ މީހެއް ކަމަށެވެ.

އަމަރިލްޑޯ ޑަ ކޮސްޓާ ޑި އޮލިވިއެރާ ނަމަކަށް ކިއާ އެމީހާ، ފުލުހުން ގޮވައިގެން ގޮސް ތަނެއް ކޮނެ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް، ވަނީ ނަގާފައެވެ.

ބްރެޒީލްގެ ފުލުހުން ބުނީ، އެ ސަރަހައްދުން ފެނުނު ހަށިގަނޑުގެ ބައިތަކަކީ ކޮން ބައެއްގެ ހަށިގަނޑުތޯ ކަށަވަރު ކުރުމަށް އިންޓަޕޮލް ނުވަތަ ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ޑިޓެކްޓިވް އެޑުއާޑޯ ފޮންޓޭޒް ވިދާޅުވީ، އަމަރިލްޑޯއަކީ މި ހާދިސާގައި ފުރަތަމަވެސް ޝައްކު ކުރެވުނު މީހާ ކަމަށާ، ހާދިސާ ހިނގާ ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް އޭނާ ކިޔާ ދީފައި ވާ ކަމަށެވެ.

ފުލުހުން ބުނީ އިތުރު ބަޔަކު ހައްޔަރު ކުރަންޖެހޭނެ ކަމަށް ބެލެވޭ ކަމަށާ، ފިލިޕްސްއާއި ޕެރެއިރާ މަރާލަން ޖެހުނު ސަބަބު ނުވަތަ މަގުސަދު ދެނެގަތުމަށް ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

އުމުރުން 57 އަހަރުގެ ފިލިޕްސްއާއި ޕެރެއިރާ ވީ ނުވީއެއް ނޭނގި ގެއްލުނީ، އެމޭޒަން ޖަންގަލީގެ އެކަހެރި ހިސާބަކުން، ޖޫން 5 ވަނަ ދުވަހުއެވެ.

ބްރެޒީލްގައި ދިރިއުޅެމުންދާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފިލިޕްސްއަކީ ގާޑިއަން ނޫހަށް ލިޔުންތައް ފޯރުކޮށްދެމުން ދިޔަ ނޫސްވެރިއެކެވެ. ވީ ނުވީއެއް ނޭނގި އޭނާ ގެއްލުނު އިރު، ފިލިޕްސް ދިޔައީ އެމޭޒަން ޖަންގައްޔާ ބެހޭ ފޮތެއްގެ މަސައްކަތް ކުރަމުންނެވެ.

ފިލިޕްސްއާއި ޕެރެއިރާ ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ބަޔަކު އެ 2 މީހުންނަށް އިންޒާރު ދީ ހެދި ކަމަށާ، އެއީ އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމާ ދެކޮޅަށް އެ ދެމީހުން ކެމްޕެއިން ކުރުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.