ގިނަ ހިދުމަތްތަކަކާއެކު ފޭސް 2 ގައި ހިޔާ މެޑިކަލް ސެންޓަރުގެ ނަމުގައި ކްލިނިކެއް ހުޅުވައިފިއެވެ.

ހިޔާ ޓަވަރުގެ އެޗް 12 ގައި ހުޅުވި އެ ކުލިނިކު ހެނދުނު 8 އިން ރޭގަނޑު 10 އަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވާއިރު އެ ކްލިނިކުގެ 95 ޕަސެންޓް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އާސަންދައިން ހަމަޖައްސާފައިވާ އަގުތަކުގައެވެ.

ހިޔާގެ ހަތަރު ފްލެޓުގެ ބޮޑު މިން ހުންނަ އެ ކުލިނިކުގައި ފަސް ކޮންސަލްޓޭޝަން ރޫމް ހުންނާނެއެވެ. އޭގެ އިތުރުން އެކްސްރޭ، ސްކޭން، ޑެންޓަލް އަދި ކުދި ޕްރޮސީޖާތަކާއި އޮބްޒަވޭޝަންތައް ހެދުމުގެ ހިދުމަތްތައް އެ ކުލިނިކުން ދިނުމަށް ވަނީ ނިންމާފައެވެ.

އާންމު ބަލީގެ ޑޮކްޓަރުންގެ އިތުރުން އަންހެނުންގެ ޑޮކްޓަރުންނާއި ކުޑަކުދިންނަށް ޑޮކްޓަރުނާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ކަށީގެ ޑޮކްޓަރުންނާއި ހަމުގެ ޑޮކްޓަރުންނާއި ނަފްސާނީ ބަލިތަކާއި އެތެރެހަށި އަދި ކަރުން މަތީގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން އެ ކުލިނިކުގައި ތިބެއެވެ.

މީގެ އިތުރުން ހިލޭ މެޑިކަލް ޗެކަޕާއި ގޭގެއަށް ޒިޔާރަތްކޮށް ބަލި މީހުންގެ ބެލުމުގެ ހިދުމަތް ވެސް އެ ތަނުން ލިބޭއިރު ބޭރުމީހުންގެ ވޯކް ޕާމިޓް މެޑިކަލްވެސް އެ ތަނުން ހަދައިދެއެވެ.