މި މަހު 26 ގައި ގޯތި ދޫކުރަން އިއުލާން ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މާލެ ރައްޔިތުންނަށް ދެން އެންމެ އަވަހަށް އިއުލާން ކުރާނީ ވިނަރެސް ފްލެޓްގެ 1344 ހައުސިން ޔުނިޓް ކަމަށާއި 4000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.
މާލެ ސަރަހައްދުން 5000 ގޯތި ދޫކުރަން ސަރުކާރުން ނިންމައިފައިވާއިރު މި މަހު ގޯތި ދޫކުރަން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އޭގެ ތެރެއިން 3000 ގޯއްޗަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ގޯއްޗަށް އެދި ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުމާއި އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުމާއި އެ ވަރުގެ ބިމެއް ލިބިއްޖެނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުމެވެ.
މީގެ އިތުރުން ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭއިރު މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް ޝަރުތު ވަނީ ކަނޑައަޅާފައެވެ.
އެކި އުމުރުފުރާގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވި ނަމަވެސް ކައިވެންޏެއް ކޮށްގެން އުޅުމަކީ މާކްސް އިތުރުވާ ސަބަބެއް ނޫން ކަމަށާއި އެހެންނަމަވެސް ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާނަމަ މާކްސް އިތުރުކުރަން ވިސްނާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.