މިހާތަނާށް އެންމެ ގިނަ ބަޔަކު ބެލި ނެޓްފްލިކްސް ޓީވީ ޝޯގެ ރެކޯޑް މުގުރާލި ދެކުނު ކޮރެއާގެ ޓީވީ ސީރީޒް "ސްކުއިޑް ގޭމް"، ހަގީގީ ދުނިޔޭގެ ރިއާލިޓީ ޝޯއަކަށް ބަދަލު ކުރާ ކަމުގެ ފެހި ސިގުނަލް، ނެޓްފްލިކްސް އިން ދީފިއެވެ.

"ސްކުއިޑް ގޭމް" އިން ފެނިގެންދަނީ ދަރަނީ ޝިކާރައަކަށް ވެފައި ވާ ބަޔަކު އެކަމުން ބޯ ދަމައިގަތުމަށް ފައިސާ ހޯދުމުގެ ގޮތުން، ނުރައްކާތެރި ގޭމެއްގައި ބައިވެރިވެ، ކަން ހިނގަމުންދާ ގޮތެވެ.

"ސްކުއިޑް ގޭމް" ޓީވީ ސީރީޒްގެ ބައިވެރިންނަށް އޮންނަ ދެ ގޮތަކީ މަރުވުމާއި ދިރިހުރުން ކަމުގައި ވީ ނަމަވެސް، ނެޓްފްލިކްސްއިން އިޝާރާތް ކުރީ "ސްކުއިޑް ގޭމް: ދަ ޗެލެންޖް" ނުވަތަ "ސްކުއިޑް ގޭމް" ރިއާލިޓީ ޝޯގެ 456 ބައިވެރިންގެ ތެރެއިން ފެއިލްވާ ބައިވެރިން، ޝޯ އިން ވަކިވެގެން ދާނީ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވާ 4.56 މިލިއަން ޑޮލަރުގައި އަތްލަން ނުލިބިއެވެ.

މި އިނާމަކީ ރިއާލީޓީ ޓީވީ ޝޯގެ ތާރީހަށް ބަލާއިރުވެސް، މިހާތަނަށް ހުށަހަޅާފައި ވާ އެންމެ ބޮޑު އިނާމެވެ.

"ސްކުއިޑް ގޭމް" އަކީވެސް ނެޓްފްލިކްސްގެ ރެކޯޑް މުގުރާލި ސީރީޒްއެކެވެ. އެގޮތުން ފުރަތަމަ ސީޒަން ރިލީޒް ކުރި ފުރަތަމަ 28 ދުވަހުގެ ތެރޭގައި 1.65 ބިލިއަން ގަޑިއިރުގެ ވިއުޒް ލިބިފައިވެއެވެ.

"ސްކުއިޑް ގޭމް: ދަ ޗެލެންޖް"އާ ބެހޭ މައުލޫމާތު ދެމުން ނެޓްފްލިކްސްއިން ބުނީ ފުރަތަމަ ސީޒަންއިން ހިތްވަރު ލިބިގެން އުފެއްދި ރިއާލިޓީ ޝޯގައި، ފުރަތަމަ ސީޒަންއިން ފެނުނު ބައެއް ކުޅިވަރުތަކުގެ އިތުރުން، އާ ކަންކަންވެސް ހިމެނޭނެކަމަށެވެ.

ޔޫޓިއުބް ކޮންޓެންޓް އުފެއްދުމުގައި ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ މިސްޓަބީސްޓްވެސް ވަނީ "ސްކުއިޑް ގޭމް" ކޮންސެޕްޓް އަސްލަކަށް ބަލައިގެން، "ރެޑް ލައިޓް ގްރީން ލައިޓް"ގެ ނަމުގައި ގޭމެއް ތައާރަފު ކޮށްފައެވެ.

ނެޓްފްލިކްސްގެ ރިއާލިޓީ ޝޯ، "ސްކުއިޑް ގޭމް: ދަ ޗެލެންޖް"ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގައެވެ. އަދި ޝޯ ހާއްސަކޮށްފައި ވަނީވެސް އިނގިރޭސިންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

10 އެޕިސޯޑްގެ މައްޗަށް އެކުލެވޭ "ސްކުއިޑް ގޭމް: ދަ ޗެލެންޖް"ގެ ވާހަކަ އާންމު ކޮށްފައި މި ވަނީ، "ސްކުއިޑް ގޭމް 2" ނެޓްފްލިކްސްއަށް އަންނަން އުޅޭ ކަމުގެ ޚަބަރު ފެންމަތިވިތާ މާ ގިނަ ދުވަހެއް ނުވެއެވެ.