ތިން ވަޒީރެއްގެ ކާރަށް "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި މީހަކު ރޭ ހައްޔަރުކޮށް ފަސް ދުވަހުގެ ބަންދެއް ޖަހައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ނޫ ކުލައިގެ ސްޕްރޭ ބޭނުންކޮށްގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުތަކުގައި އިންޑިއާ އައުޓް ޖަހާފައިވެއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނީ އެ ދުވަހުގެ ހެނދުނު 7:30 ހާއިރެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، އެ މައްސަލައިގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް، އަދި ހައްޔަރުކުރި ތަނާއި ވަގުތެއް ފުލުހުންނެއް ނުބުނެއެވެ.

އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ މައްޗަށް ވަނީ ފަސް ދުވަހުގެ ބަންދެއް ވަނީ ޖަހައިފައެވެ.

އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ތިން ވަޒީރެއްގެ ކާރުގައި އިންޑިއާ އައުޓު ޖަހާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެ، ގ. ކެނެރީގެ ފާރުގައި ވެސް މީގެ ކުރިން "އިންޑިއާ އައުޓް" ލިޔެފައިވެއެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ޖަހާފައި ވެއެވެ.

އޭގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުޅުއްވާ ގޭގެ ދޮރުގައި ވެސް ބަޔަކު "އިންޑިއާ އައުޓް" ޖަހައި ސްޕްރޭ ކޮށްފައި ވާއިރު، އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ މަގުތަކަށް އަޅާފައި ވެސް ވެއެވެ. ހަމަ އެއާއެކު ރައީސް އޮފީހާއި، އިންޑިއާ ހައި ކޮމިޝަން އޮފީހުގެ އިތުރުން، ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެ ކައިރިއަށް ވެސް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް ވެސް ބަޔަކު އަޅާފައިވެއެވެ.