ޕާޓީގެ ތެރޭގައި ކަންކަން ކުރުމުގައި މެޖޯރިޓީ ގެއްލޭ ހުރިހާ ފަހަރަކު، ކަންތައްތައް ކުރަން އޮންނަ ގޮތާ ހިލާފުވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫފް (ޕީޖީ)ގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި އޭނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގްރޫޕަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕާލިމަންޓްރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިނާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދޭ ކަަމަށް ވިދާޅުވެ، އެމްޑީޕީން ނެރޭ ތްރީ ލައިން ވިޕް ބްރޭކް ކުރައްވާނެ ކަމަށް ނުސީދާކޮށް ވިދާޅުވެ ކުރެއްވި މެސެޖާ ގުޅިގެންނެވެ.

އެމަނިކުފާނު މިފަދައިން މެސެޖު ކުރައްވާފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުން އެގޮތަށް ފާސް ކުރުމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވައި އަނދުން ހުސައިން ވިދާޅުވި ގޮތުގައި، ކޮންމެ ފަހަރަކު ރާމާމަކުނުގެ އުސޫލުން ކަން ކުރަންވީމަ، އެކަމުގެ ސަބަބުން ދެރަ ލިބޭނީ އާންމުންނަށެވެ.

އޭނާ ވަނީ އެމްޑީޕީގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުންނާއި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދުގައި، މަގާމުތައް ގެއްލޭ އިރަށް ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ވިދާޅުވުމަކީ ދެރަވަރު އަދި ހުތުރު އަމަލެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

"އެމްޑީޕީ ތެރޭގައި ވެސް ޗެއާޕާސަން ކަން ކުރެއްވި ބޭފުޅުންނާއި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތިއްބަވާ ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދުގައި އެޅުއްވި ފިޔަވަޅުތައް އަޅަން ނުޖެހޭ ކަމަށް މަގާމު ގެއްލޭ އިރަށް ވިދާޅުވަމުން ގެންދިއުމަކީ ހިތާމަ ހުރި ހުތުރު، ދެރަވަރު ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން." ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އަނދުން ހުސައިން ވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމަށް މަޖިލިހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕީޖީން ފާސްކޮށްފައިވާއިރު، ނަޝީދުގެ އިތުރުން އެ ނިންމުމާ ދެކޮޅު 18 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެ މެންބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން، އެ ޕާޓީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހިމެނިވަޑައިގަންނަވައެވެ.