ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުން، ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ފެނަކަ ކޯޕަރޭޝަނަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކައިފިއެވެ.

ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓު އާންމުކޮށްފައިވާ އިރު އޭގައި ކޮރަޕްޝަނުގެ ގިނަ އަދި ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފެނަކަ އަށް އެ މުއްދަތުގައި 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ތެރެއިން 112 މިލިއަން ރުފިޔާގެ އަޑީތެޔޮ މެންބަރު ހުސައިން ޝަހީމްގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވާއިރު ދައުލަތުގެ ދެ ކުންފުނި ކަމަށްވާ އެމްޓީސީސީ އިން 15 މިލިއަން ރުފިޔާގެ އަޑީތެޔޮ އަދި ސްޓެލްކޯ އަތުން ގަތީ އެންމެ 45،852 ރުފިޔާ ގެ އަޑީތެޔޮ ވަނީ ގަނެފައެވެ،

މި މުއްދަތުގައި އެ ކުންފުންޏަށް އަޑީތެޔޮ ގަތުމުގެ އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އަޑީތެޔޮ ގަނެފައިވަނީ ފެނަކަ ޕްރޮކިއުމެންޓް ޕޮލިސީގައި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު ނުވާ ގޮތަށް، އެ ދުވަހުން އެދުވަހަށް ޕާޗޭޒް އޯޑަރުތައް ފޮނުވައިގެން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން މިހާ ގިނަ އަދަދެއްގެ އަޑީ ތޮޔޮގަނެފައިވާއިރު ވާދަވެރި ބީލަމަށް ހުޅުވައި ނުލައި އެގޮތަށް ވަކި ކުންފުންޏެއްގެ އަތުން އަޑީތެޔޮ ގަތުމަކީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުންކަމުގައި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.